Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ގުރައިދޫ މަރުކަޒުގެ މީހުންނަށް ކޯސްތައް ހިންގަނީ

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި، ހުނަރުވެރިކަމުގެ މަސައްކަތްތައް ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުން ހެދީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމިން އަންނަ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އާމިނަތު އިސްމާޢީލެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ.

މި އެއްބަސްވުމުގެ ދަށުން، އެއް މުއައްސަސާ އަނެއް މުއައްސަސާއަށް އެހީތެރިކަން ދިނުމުގެ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެ އެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން، ކ. ގުރައީދޫގައި ހުންނަ މަރުކަޒުގައި ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ އެވެ.

އެގޮތުން، ކޭކު ކޯހާއި، ގަސް ހެއްދުމުގެ ޕްރޮގްރާމްތަކާއި، ކަރަންޓު މަސައްކަތްތަކާއި ފޮޓޯގްރަފީ ފަދަ ދާއިރާތަކުން ތިން ހަފްތާގެ ކުރު ތަމްރީން ޕްރޮގްރާންތައް ހިންގާނެ އެވެ.

މި ޕްރޮގްރާމްތައް ކުރިއަށްގެންދާނީ ފަރުވާގެ ޕްރޮގްރާމް ނިންމާފައިވާ މީހުންނާއި އަދި ފަރުވާގެ އެކި ޕްރޮގްރާމްތަކުގައި މިހާރު ވެސް އުޅެމުން އަންނަ މީހުންނަށެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ވެސް 198 މީހަކު އެބަތިއްބެވެ.