Last Updated: June 6, 06:06
Saturday, June 6, 2026
ދުނިޔެ

ޑްރަގްގެ ބޮޑެއް މެކްސިކޯ އިން އަތުލައިގެންފި

އެމެރިކާ އިން އަތުލައިގަންނަން މަސައްކަތް ކުރަމުން އައި މަސްތުވާތަކެތީގެ ބޮޑެއް މެކްސިކޯ އިން ހައްޔަރުކޮށްފި އެވެ.

އަތުލައިގެންފައި ވަނީ ރަޔަން ޖޭމްސް ވެޑިން، 44، އެވެ.

ކެނެޑާ އަށް ނިސްބަތްވާ ރަޔަން އަކީ ސްނޯބޯޑިން އިން އޮލިމްޕިކްސްގައި ވެސް ކެނެޑާ ތަމްސީލުކޮށްފައިވާ މީހެކެވެ. އޭނަ މެކްސިކޯ އިން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރީ އަތުލައިގަންނަން މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ނަމަވެސް ރަަޔަން އަތުލައިގަންނަން ހިންގި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

އޭނަ އަކީ އެމެރިކާގެ އެފްބީއައި އިން ހޯދާ އެންމެ ބޮޑެތި 10 ކުށްވެރިންގެ ތެރެއިން ވެސް އެކަކެވެ. ކެނެޑާގެ ފެޑެރަލް ފުލުހުންގެ އެހީތެރިކަމާ ވެސް އެކު އޭނަ މެކްސިކޯ އިން ރަޔަން އަތުލައިގައިނެ، މިހާރު ވަނީ އެމެރިކާ އަށް ގެންގޮސްފަ އެވެ. އަދި އަންނަ ހޯމަ ދުވަހު އޭނަ ކޯޓަށް ހާޒިރު ކުރާނެ އެވެ.

ރަޔަންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އިންޓަނޭޝަނަލް ބޯޑަރުތައް ހުރަސްކޮށް ފުޅާ ދާއިރާއެއްގައި ކޮކެއިންގެ މުއާމަލާތްތައް ހިންގުމާއި މަރުގެ މައްސަލަތަކެއް ވެސް ހިމެނެ އެވެ. ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ރަޔަން އިސްކޮށް ހުރެގެން އަހަރެއްގެ ތެރޭގައި 60 މެޓްރިކް ޓަނުގެ ކޮކެއިން ޓްރެފިކްކުރާ ކަމަށެވެ.

ރަޔަން އަތުލައިގަތް އިރު، އޭނަ ހޯދައިދޭ ފަރާތަކަށް އެފްބީއައި އިން މީގެ ކުރިން 15 މިލިއަން ޑޮލަރުގެ އިނާމެއް ދޭން ވެސް އިއުލާންކޮށްފައިވެ އެވެ.