Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

"ބޯޑާ 2" ވަރަށް ކަމުގޮސްފި

އިއްޔެ ސިނަމާތަކަށް ގެނައި ބޮލީވުޑްގެ ފިލްމު "ބޯޑާ 2" ގެ ޖާދޫގައި ގިނަ ބަޔަކު ޖެހި، ފިލްމުުގެ ޝޯތައް ދަންވަރު ވެސް ދައްކަން ވެސް ފަށައިފި އެވެ

މިއީ މިދިޔަ ޑިސެންބަރު މަހު ރިލީޒްކުރި "ދުރަންދަރު" އަށް ފަހު، ބެލުންތެރިންގެ މިހާ ބޮޑު ސަމާލު ކަމެއް ލިބުނު ފުރަތަމަ ފިލްމެވެ.

"ބޯޑާ 2" އަށް ކްރިޓިކުން ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ އިރު، މި ފިލްމަކީ ކޮންމެހެން ވެސް ބޮޑު ސްކްރީންގައި ތަޖުރިބާކޮށްލަން ޖެހޭ ވަރުގެ ފިލްމެއް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ޝުއޫރުތައް ބަންޑުން ކުރަމުންނެވެ.

ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި "ބޯޑާ 2" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ ހަނގުރާމަ ފިލްމެއްގައި ހުންނަން ޖެހޭ ހުރިހާ ރަހައެއް ފިލްމުގައި ހެޔޮވަރުވެފައި، މުޅި ކާސްޓްގެ އެކްޓިން ވެސް ރަނގަޅުވެ، އަނޫރާގް ސިންގުގެ ޑައިރެކްޝަން ވެސް ވަރަށް ފުރިހަމަވުމެވެ.

މީގެ އިތުރުން ފިލްމުގެ ޑައިލޮގްތަކުގެ ވަރުގަދަކަމާއި ލަވަތަކާއި ބެކް މިއުޒިކުން ވެސް އެތައް ޖަޒުބާތެއް ގެނެސްދޭ ކަމަށް ކްރިޓިކުން ފާހަގަކޮށްފައިވެ އެވެ. ގިނަ ކްރިޓިކުން ފިލްމަށް ފަހެކުން ހަތަރު ތަރީގެ ރޭޓިންއެއް ވެސް ދީފައިވެ އެވެ.

"ބޯޑާ 2" އަކީ 1997 ގައި ޖޭޕީ ދައްތާ ޑައިރެކްޓްކޮށް ގެނެސްދިން ކާމިޔާބު ފިލްމު "ބޯޑާ" އާ ގުޅުވައިގެން ހަދާފައިވާ ފިލްމެކެވެ. އެކަމަކު ކުރީގެ ފިލްމުގެ ކާސްޓުން އާ ފިލްމުގެ މައިގަނޑު ރޯލެއްގައި ހިމެނޭ ހަމައެކަނި އެކްޓަރަކީ ސަނީ ޑިއޯލް އެވެ. ފިލްމުގައި ދެން ހިމެނެނީ ވަރޫން ދަވަނާއި ދިލްޖީތު ދޮސަންޖަނާއި އަހާން ޝެޓީ އާއޮ މޯނާ ސިންގް އާއި ސޯނަމް ބަޖްވާ އާއި އަނިއާ ސިންގްގެ އިތުރުން މޭދާ ރާދާ އެވެ.

ބޮކްސް އޮފީހުގައި ވަރުގަދަ ވިޔަފާރިއެއް ކުރާނެ ކަމަށް މިހާރު ބެލެވޭ "ބޯޑާ 2" އަކީ 250 ކްރޯޑް ރުޕީސް (27.3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ގެނެސްދިން ފިލްމެކެވެ. މި ފިލްމަށް އިއްޔެ އެކަނި އިންޑިއާ އިން އާމްދަނީގެ ގޮތުގައި 32.10 ކްރޯޑް ރުޕީސް (3.5 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.