Last Updated: June 6, 06:06
Saturday, June 6, 2026
ދުނިޔެ

ކެލިފޯނިއާ ސްޓޭޓް އޮންނާނީ ޑަބްލިއުއެޗްއާ އެކު

ކެލިފޯނިއާގެ ގަވަރުނަރު.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އެމެރިކާ ވަކިވެފައި ވަނިކޮށް އެ ގައުމުގެ ކެލިފޯނިއާ ސްޓޭޓުން އެ ޖަމިއްޔާއާ ގުޅެން ނިންމައިފި އެވެ.

މިކަން އިއުލާން ކުރައްވައި ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަން ވިދާޅުވީ ޑަބްލިއުއެޗްއޯ އިން އެމެރިކާ ވަކިވުމަކީ "ނުރައްކާތެރި ނިންމުމެއް" ކަމަށެވެ. އަދި އެކަމުން އެމެރިކާ އަށް ލިބޭނެ ފައިދާއެއް ނެތް ކަމަށާއި ކެލިފޯނިއާ އޮންނާނީ ޑަބްލިއުއެޗްއާ އެކު ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އެ ސްޓޭޓް ވަނީ އެމެރިކާ ޑަބްލިއުއެޗްއޯ އިން ވަކިވި ފަހުން އެ ޖަމިއްޔާއާ ގުޅޭ އެމެރިކާގެ ފުރަތަމަ ސްޓޭޓަށް ކަމަށެވެ. ގަވަރުނަރު ވިދާޅުވީ ޑަބްލިއުއެޗް އިން ވަކިވެގެން އެމެރިކާ އަށް ކުރިމަތިވާ މައްސަލަތަކާއި ނުރައްކާތަކާ ކުރިމަތިލާން ކެލިފޯނިއާ ސްޓޭޓުން ބޭނުން ނުވާ ކަމަށެވެ.

ޑަބްލިއުއެޗް އިން އެމެރިކާ އިއްޔެ ރަސްމީކޮށް ވަކިވީ އެ ޖަމިއްޔާ އިން ވަކިވާން ނިންމައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް ޑޮނަލްޑް ޓްރަމްޕް ގަރާރެއް ވެސް ނެރުއްވާފައި ވަނިކޮށެވެ. އެ ގަރާރުގައި ބުނެފައި ވަނީ ޑަބްލިއުއެޗްއޯ އަކީ ޒިންމާދާރު މަސައްކަތެއް ކުރާ ޖަމާއަތެއް ނޫން ކަމަށާއި އެގޮތުން މީގެ ފަސް އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ވެސް ޑަބްލިއުއެޗްއޯ އަށް ހަރުދަނާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.

އެމެރިކާ އިން ބުނެފައިވާ ގޮތުގައި ކޮވިޑަކީ ޗައިނާގެ ވޫހާން ސިޓީން އުފަންވި ބައްޔެއް ކަމަށާއި ކޮވިޑާ ގުޅޭ މައުލޫމާތުތައް ވެސް އެންމެ އެކަށީގެންވާ ގޮތަށް ޑަބްލިއުއެޗްއޯ އަސް ފޯރުކޮށް ނުދެވި އެކަމުގެ އަގު މުޅި ދުނިޔެ ދައްކަން ޖެހުނު ކަމަށެވެ.