ވަރަށް ބޮޑަށް ހަލާކުވެފައި އޮތް އައްޑޫ ލިންކް ރޯޑު އަލުން ތަރައްގީ ކުރަން ނިންމާފައި އޮތް މަޝްރޫއު ކުރިއަށް ނުދާތީ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދުދީދީ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގައި އޭނަ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޑޫގެ ތަރައްގީ އަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައި ނުވާ ކަމަށާއި، މިއީ ގައުމެއްގެ ހަޔާތުން ބޭކާރުވި ދެއަހަރާ ބައި ކަމަށެވެ.
އެގޮތުން އައްޑޫ ލިންކް ރޯޑު މަޝްރޫއަކީ އައްޑު އަށް މި ވަގުތު ވަރަށް މުހިއްމުވެފައި އޮތް މަޝްރޫއަކަށްވި ނަމަވެސް މިފަދަ އެެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިގެން ހިނގައިދާނެކަމާ މެދު މިހާރު ސުވާލު އުފެދޭ ކަމަށް ދީދީ ވިދާޅުވި އެވެ. އޭނަ ފާހަގަ ކުރެއްވި ގޮތުގައި އައްޑޫގެ އަވަށްތަކުގެ މަގުތައް ހެދުމުގެ މަޝްރޫއު ނިންމުމަށް ފަހު، ދެވަނަ ފިޔަވަސެއްގެ ގޮތުން ލިންކް ރޯޑް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ކުރީގެ ސަރުކާރުން އޮތީ ނިންްމައިފަ އެވެ.
އައްޑޫގެ އާބާދީގެ ބޮޑު ބައި ދިރިއުޅޭ ފޭދު އާއި މަރަދޫފޭދު އާއި މަރަދޫ އަދި ހިތަދޫ ގުޅިފައި އޮތް ލިންކް ރޯޑް މަރާމާތު ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ އައަހަރުގެ އެޕްރީލް 8 ގަ އެވެ. އޭރު ބުނެފައި ވަނީ އެ މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހަދާނެ ކަމަށެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާނެ އެވެ.
އެގޮތުން 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ އިރު، މަޝްރޫއު 2028 ގެ ކުރިން ނިމޭނެ ކަމަށް ބުނެފައިވެ އެވެ.
ލިންކް ރޯޑް ހެދުމުގެ މަޝްރޫއު މިދިޔަ އަހަރުގެ އެޕްރީލް 8 ގައި އާރްޑީސީއާ ހަވާލު ކުރުމަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 5 ގައި ރައީސް އައްޑު އަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.

ނަމަވެސް އޭގެ ފަހުން މިހާތަނަކަށް އެ މަޝްރޫއުގެ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.
މެންބަރު ދީދީ ވިދާޅުވީ އައްޑޫ ތަމްސީލު ކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ކަންބޮޑުވާ ކަމަށާއި، މިއީ ރައްޔިތުންނަށް ލިބޭ ނިކަމެތި ކަމެއް ކަމަށެވެ.