މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަކީ ރިޔާސީ އިންތިހާބުގެ ފެށުން ކަމަށާއި މި އިންތިޚާބުގައި އެމްޑީޕީ އަށް ވޯޓު ދިނުން ވަރަށް މުހިންމު ކަމަށް ފުވައްމުލަކުގެ މޭޔަރުގެ މަގާމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ އިސްމާޢިލް ރަފީޤް ވިދާޅުވެއްޖެ އެވެ.
ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާގައި އޭނަ ވިދާޅުވީ މި އިންތިޚާބަށް ތައްޔާރު ވާން ވާނީ ވަރަށް ވިސްނުންތެރިކަމާ އެކީގައި ކަމަށެވެ. އަދި ޕާޓީ އެއްގެ ހައިސިއްޔަތުން މިއީ އެމްޑީޕީ އިން އަޅާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވުމާއި މަސައްކަތްތައް ކުރިއަށް ނުދިއުމާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭކަން ދައްކަން މިއީ ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.
ރަފީގު ވިދާޅުވީ އެކަން ކުރެވޭނީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ވޯޓުދީގެން ކަމަށެވެ.
"ކޮން ކަމެއް ކުރަންތޯ ސަރުކާރު ކެނޑިޑޭޓުން އިންތިޚާބަށް ނުކުންނަނީ؟ މި ސަރުކާރާއި އެކު ކައުންސިލްތަކުގެ ނިޒާމް ފަހަތަށް ދަނީ. ކައުންސިލްގެ ބާރުތައް ނަގަނީ. މި ފިކުރުގެ ބަޔަކަށް ކައުންސިލްތައް ދޭން ޖެހޭ ސަބަބެއް ނެތް." އޭނަ ވިދާޅުވި އެވެ.
ރަފީގު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި މެޖޯރިޓީ ދޭން ވީ ލާމަރުކަޒީ ނިޒާމް ޤަބޫލުކުރާ ބަޔަކަށް ކަމަށާއި އެ ބަޔަކީ އެމްޑީޕީ ކަމަށެވެ. އަދި މާޒީ އަށް ބަލާ އިރު އެމްޑީޕީ ނޫން ބަޔަކަށް އެ ނިޒާމުގައި ކަންކަން ހިނގަން ޖެހޭ ގޮތަށް ކަންކަން ކުރުމަށް ކައުންސިލްތަކަށް ބާރު ދޭތަން ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރަފީގު ވިދާޅުވީ ރަށްރަށުގެ ތަރައްޤީ އެންމެ ބޮޑަށް ހުއްޓޭ ސަބަބަކީ މިހާރުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އިހުތިރާމް ނުކުރުން ކަމަށެވެ.