މަޝްހޫރު ޖޭމްސް ބޮންޑް ފްރެންޗައިޒްގެ 26 ވަނަ ފިލްމުގައި ބޮންޑްގެ ރޯލު ކުޅޭނީ ޒުވާން އެކްޓަރު ޖެކޮބް އެލޯޑީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން އެ ރޯލަށް އޮސްޓްރޭލިއާ އަށް އުފަން 28 އަހަރުގެ އެކްޓަރު ނެގިކަން ގާތްގަނޑަށް ކަށަވަރުވެފައިވާ ކަމަށާއި އާ ފިލްމުގެ ޑައިރެކްޝަން ހަވާލުކޮށްފައިވާ ޑެނިސް ވިލެނޯވްއާ ވެސް އެލޯޑީ ބައްދަލުކޮށްފައިވާ ކަމަށެވެ.
އޭނަ އަށް ބޮންޑްގެ ރޯލު ދީފައިވާކަމުގެ ވާހަކަތައް ދެކެވެމުން އަންނަ އިރު، ބޮންޑްގެ ރޯލަށް ދެން ނަގައިފާނެ ކަމަށް އަޑުއެރި އެކްޓަރުންގެ ތެރޭގައި އާރޮން ޓޭލާ-ޖޯންސަނާއި އެންތަނީ ބޮއެލް އާއި ކެލަމް ޓާނާ އާއި ލިއޯ ސޫޓާ އާއި ހެރިސް ޑިކިންސަނާއި ރެގީ ޖީން ޕޭޖް ހިމެނެ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހާތަނަށް ބޮންޑްގެ ރޯލު ކުޅެފައި ވަނީ މުޅިން ވެސް އިނގިރޭސި އެކްޓަރުންކަމެވެ. އަދި މީގެ މައިގަނޑު ވާހަކަ އެނބުރެނީ ވެސް އިނގިރޭސީ ޖާސޫސީ އެޖެންްޓެއްގެ ވަށައިގެންނެވެ.
ނަމަވެސް ބޮންޑް ފްރެންޗައިޒް އެމެރިކާގެ ސްޓޫޑިއޯއެއް ކަމަށްވާ އެމެޒޯން އެމްޖީއެމްގެ ދަށަށް ދިއުމާ ގުޅިގެން އިނގިރޭސި ނޫން އެކްޓަރަކަށް ރޯލު ދީފާނެކަމުގެ ވާހަކަތަކެއް ދެކެވިފައިވެ އެވެ.
ސައްބީސް ވަނަ ފިލްމުގެ ޑައިރެކްޝަން "ޑޫން" ގެ ޑައިރެކްޓަރާ ހަވާލު ކުރިކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އަދި އޭގެ ސްކްރީންޕްލޭ ލިޔަނީ ސްޓީވެން ނައިޓްއާ ހަވާލުކުރިކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓަ މަހު އެވެ. އޭނަ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދީ ސީރީޒް "ޕީކީ ބްލައިންޑާސް" ގެ މޭސްތިރިޔާ އެވެ. ސްޓީވެންގެ ސްކްރީންޕްލޭތަކަށް ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި 'ހަމިންބާޑް' އާއި 'ދަ ހަންޑްރެޑް ފުޓް ޖާނީ' އާއި 'ބާންޓް' ގެ އިތުރުން 'ދަ ގާލް އިން ދަ ސްޕައިޑާސް ވެބް' އަދި 'ސްޕެންސާ' ހިމެނެ އެވެ.
ސްޓީވެންގެ ސްކްރީންްލޭއަކަށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު 'މަރާޔާ' އެވެ.
ބޮންޑްގެ އާ ފިލްމުގެ ޑައިރެކްޓަރާއި ސްކްރީން ރައިޓަރަކީ ކޮބައިކަން ރަސްމީކޮށް އިއުލާން ކުރުން ފިޔަވައި، މިއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އެމެޒޯން އެމްޖީއެމުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ބޮންޑްގެ އެންމެ ފަހުގެ ފަސް ފިލްމުގައި އެ ރޯލު ކުޅުނީ ޑެނިއަލް ކްރެއިގެވެ. އެ ރޯލަށް އޭނަ އަލްވަދާއު ކީ 2021 ގެ "ނޯ ޓައިމް ޓު ޑައި" އާ އެކީގަ އެވެ.
އާ ބޮންޑަށް ނެގި ކަމަށް ބުނާ އެލޯޑީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ފްރޭންކެންސްޓީން" އެވެ.