Last Updated: June 6, 06:06
Saturday, June 6, 2026
ދުނިޔެ

މިޔަރެއް ދިން ހަމަލާއެއްގައި ކުއްޖަކު މަރުވެއްޖެ

އޮސްޓްރޭލިއާގެ ސިޑްނީގައި މޫދަށް އެރި އުޅެނިކޮށް މިދިޔަރަކު ދިން ހަމަލާއެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ މި މަހުގެ 18 ގައި ހިނގި ހާދިސާގައި ޒަހަމްވި ނިކޯ އެންޓިކް މަރުވީ ސިޑްނީ ޗިލްޑްރެންސް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ކަަމަށެވެ. މިޔަރުން ދިން ހަމަލާއާ ގުޅިގެން އެ ކުއްޖާ އަށް ލިބުނު ޒަގަމްތަކާ ގުޅިގެން ހާލު ވަރަށް ދެރަވެ އޮތީ ކޯމާގަ އެވެ.

އެ ކުއްޖާ އަށް މިޔަރު ހަމަލާ ދިނީ ރައްޓެހި ކުދިންތަކަކާ އެކު ސިޑްނީ ހާބާ ސަރަހައްދަށް އެރި އުޅެނިކޮށެވެ.

އޮސްޓްރޭލިއާ އަކީ މޫދަށް އެރޭ މީހުންނަށް މިޔަރު ހަމަލާތައް ދިނުމުގެ ހާދިސާތައް އެންމެ ގިނައިން ހިނގާ އެއް ގައުމެވެ. އެގޮތުން ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެސް އެފަދަ ހަތަރު ހާދިސާއެއް ހިނގާފައިވެ އެވެ.

މީގެ ކުރިން ވެސް މިޔަރު ދިން ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެފައިވެ އެވެ.