Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފުޓްސަލް ޓީމު ހޯދި ކާމިޔާބަށް ރައީސްގެ މަރުހަބާ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ހޯދުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެއިން 3-1 އިން ބޫޓާން ބަލިކުރިއިރު، ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބާކީ އެއް މެޗު އޮއްވައި، މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާ ކަމެއް ކަމަށާއި ވަކީން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް ކަމަށެވެ. އަދި މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރަން،" ރައީސް ވިދާޅުވި އެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކުރިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ. ތިން ވަނަ މެޗުގައި، އިންޑިއާ އަތުން 5-0 އިން މޮޅުވިއިރު، ހަތަރު ވަނަ މެޗުގައި ނޭޕާލް އަތުން 2-1 އިން މޮޅުވި އެވެ.

ރާއްޖޭން ފަހު މެޗުގައި ލަންކާއާ ކުޅޭނީ ހޯމަ ދުވަހު އެވެ.