Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޗާގޯސްގެ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު ނުގެއްލޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ؛ ރައީސް އޮފީސް

ޗާގޯސްގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ނުގެއްލޭ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފޯޅަވަހި ހިމެނޭ ޗާގޯސް ޖަޒީރާތައް މޮރިޝަސްއަށް ދިނުމުގެ ބިލް އިނގިރޭސި ވަތިގޭ ކަމަށްވާ ހައުސް އޮފް ލޯޑްސް ގެ ވޯޓަށް ތައްޔާރުވެފައިވަނިކޮށް ބިލަށް ވޯޓު ދިނުން ފަސްކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ފޯޅަވަހީގެ ސިޔާދަތީ ބެލެނެވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ގެއްލިގެން ނުދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ "އެކްސްޕްރެސް" ނޫހަށް މިދިޔަ ބުދަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އިނގިރޭސި ވިލާތުން އެއްބަސްވުމާ ގުޅިގެން ރައީސް މުއިއްޒު، އިނގިރޭސި ވިލާތަށް ހާއްސަ ސިޓީފުޅެއް މިދިޔަ އަހަރު ވަނީ ފޮނުއްވާފަ އެވެ.

އަދި މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު ރައީސް ވަނީ ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.