Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ތަރައްގީ މަޑުޖައްސަން އިންތިހާބުގައި ފުރުސަތު ނުދޭތި

ތަރައްގީ މަޑުޖައްސަން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ފުރުސަތު ނުދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ޕީއެންސީން މިއަދު ހަވީރު ބޭއްވި ކެމްޕޭން އިވެންޓެއްގައި ރައީސް ވިދާޅުވީ މިއީ ރައްޔިތުންގެ ފަޅީގައި އޮތް އަދި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި ރައްޔިތުންނާއި ސަރުކާރާއި މެދަށް އިދިކީލަ ވިސްނުންތަކެއް ނުވެއްދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ސިޔާސީ ސަކަރާތް ޖެހުމާއި، ސިޔާސީ ޖަގަޑާ ހެދުމާއި، އެކި ކަހަލަ ގޮތްގޮތުން ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތަކެއް ކުރިމަތިވާނެ ފުރުސަތު ކައުންސިލް އިންތިހާބުގައި ނުދެއްވާށޭ، މި ސަރުކާރު މި އޮތީ އަޅުގަނޑުމެންގެ ރައްޔިތުންނާއި އެކީގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ބާރު ސްޕީޑްގައި އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށާއި ކައުންސިލަށް ހޮވަންވީ މިކަންކަމުގައި ހިފައި، މިކަންކަމުގައި ބާރު އަޅައިދީ، ހިތްވަރުދީ މަގުފަހިކޮށްދޭނެ ބައެއް ކަމަށެވެ.

"އެެއަށް ހުރަސް އަޅައި، އެކި ކަހަލަ އުޒުތައް ދަައްކައި، އެކި ކަހަލަ ހުރަސްތައް ކުރިމަތިކޮށް، ތަރައްގީ މަޑުޖައްސަން، މުޖުތަމައުގެ ހަމަނުޖެހުން އަނބުރާ ގެނެސްދޭނެ ބައެއް ނޫނޭ،". ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ މުޖުތަމައުއަށް މިހާރު ހަމަޖެހުން ގެނެވިފައިވާ ކަމަށާއި މި ހުރިހާ ހަމަޖެހުމެއް ގައުމުގައި އޮއްވާ ރައްޔިތުންގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދަން އުޅޭ ކަންކަމުގައި ހުރަސްތައް ކުރިމަތި ކުރުވައި، ހަމަނުޖެހުން އުފައްދައި ތަރައްގީ މަޑުޖައްސުން ފަދަ ކަންކަން ކުރަން ޖާގަ ދިނުމަކީ އެއްވެސް ރައްޔިތަކު ކުރާނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އެކަމަށް ޖާގަ ނުދައްވައި، ރައްޔިތުންނާއި އެކީގައި މި އޮތް ސަރުކާރު، ރައްޔިތުންނާއި އެކީގައި ހިތްވަރާއެކު ކުރިއަށް ވަޑައިގަންނަވާ، އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލާފައިވާ 1300 އަށްވުރެ ގިނަ ކެންޑިޑޭޓުން ހެޔޮހިތުން ބަލައިގަނެ ހޮއްވަވައިދެއްވާށޭ،" ރައީސް ވިދާޅުވި އެވެ.