އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ މޮޅުވިއިރު، ފަހު ވަގުތު ލިވަޕޫލް ބަލިވެއްޖެ އެވެ.
މި މޮޅާއެކު ސިޓީ އޮތީ 23 މެޗުން 46 ޕޮއިންޓާއެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި ސިޓީއަށް ވުރެ އެއް މެޗު މަދުން ކުޅެ 50 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ. ލީގުގައި މިރޭ އާސެނަލުން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނިކުންނާނެ އެވެ. ލީގުގެ ތިންވަނައިގައި 22 މެޗުން 43 ޕޮއިންޓާއެކު އެސްޓަންވިލާ އޮތްއިރު، ހަތަރުވަނައިގައި 23 މެޗުން ލިބުނު 36 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.
އަމިއްލަ ދަނޑުގައި ސިޓީ މޮޅުވީ ލީގުގެ ފުލުގައި އޮތް ވުލްވްސްއާ ބައްދަލުކޮށް 2-0 އިންނެވެ.
މި މެޗަށް ސިޓީން ނެރުނު ފުރަތަމަ އެގާރައިން އެޓީމުގެ ފޯވާޑް އާލިން ހާލަންޑް އާއި ފިލް ފޮޑެން އަށް ޖާގަ ދީފައި ނުވާއިރު، މެޗުގެ ހަވަނަ މިނެޓްގައި އޮމަރް މަރްމޫޝް ވަނީ ސިޓީއަށް ލީޑު ނަގާދީފަ އެވެ. އަދި ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ އެންޓޮއިން ސެމެންޔޯ ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ސިޓީއަށް ލީޑު ފުޅާކޮށްލަން އިތުރު ފުރުސަތުތަކެއް ލިބުނުއިރު، މުޅި މެޗުގައި ވުލްވްސް އަށް ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
ބޯންމަތް އަތުން 3-2 އިން ލިވަޕޫލް ރޭ ބަލިވިއިރު، އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް ލިވަޕޫލަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އޭގެތެރެއިން ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި މެޗުގެ ފުރަތަމަ 35 މިނެޓްތެރޭ ބޯންމަތުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެވަނިލްސަން އާއި އެލެކްސް ހިމެނޭޒް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވާޖިލް ވެންޑައިކް ލިވަޕޫލަށް ގޯލެއް ކާމިޔާބުކޮށްދިން އިރު، މެޗުގެ 80 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ޑޮމިނިކް ސޮބޮސްލާއި ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މި މެޗުން ބޯންމަތް މޮޅުވި ގޯލު މެޗުގެ އެންމެފަހު ސިކުންތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ އަމީން އަދްލީ އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޓޮޓެންހަމް އާއި ބާންލީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމުނުއިރު، ވެސްޓްހަމް ޔުނައިޓެޑުން ވަނީ 3-1 އިން ސަންޑަލޭންޑް ބަލިކޮށްފަ އެވެ. އަދި ފުލަމް އިން ވަނީ 2-1 އިން ބްރައިޓަން ބަލިކޮށްފަ އެވެ.