ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކް އައިލޭންޑްތަކެއް ހަދަން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓަށް ކޮންސަލްޓަންޓަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި އެވެ.
މި މަޝްރޫއަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ސޯޝަލް މިނިސްޓްރީން އިއުލާންކުރީ މި މަހުގެ 18 ގަ އެވެ. އޭރު މިނިސްޓްރީން ބުނީ ކޮންސަލްޓަންސީ ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް މިހާރު އެ އިއުލާން ބާތިލުކޮށްފައިވާ ކަމަށް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުންޏެވެ. ނަމަވެސް ސަބަބެއް ހާމައެއް ނުކުރެ އެވެ.
ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލޭންޑެއް ނުވަތަ ދަތުރު ދާނެ ހާއްސަ ރަށެއް ތަރައްގީކޮށް ދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި އއ. އަތޮޅަށް ކުރެއްވި ދަތުރުގައި މަތިވެރީގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި މިހާރު ތަރައްގީކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ރަށަކީ ކުރީގެ ސަރުކާރުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކޮށް 2023 ގައި ހުޅުވި ކުޑަގިރި އެވެ.