Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

ގޯވިންދާގެ ދަރިފުޅުގެ ފިލްމަކީ 'ހަންޑްރެޑް'

ޔާޝް މައިންބަފައިންނާ އެކު.

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ ދަރިފުޅު ޔާޝްވަރުދަން އަޖޫހާ ތައާރަފުކުރާ ފިލްމުގެ ނަމަކީ 'ހަންޑްރެޑް' ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ ސާޖިދު ޚާން ޑައިރެކްޓްކުރާ ހޮރޯ-ކޮމެޑީއެކެވެ. މި މަހުގެ 23 އިން ފެށިގެން 'ހަންޑްރެޑް' ގެ ޝޫޓިން މުމްބާއީގައި ކުރިއަށްދާ އިރު، މިއީ އެކްތާ ކަޕޫރްގެ ބާލާޖީ އާއި ޕްރޮޑިއުސަރު އަމަރު ބޫތާލާގެ ގިލްޓީ ބާއި އެސޯސިއޭޝަން މީޑިއާ ގުޅިގެން ހަދާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން 'ހަންޑްރެޑް' ގައި ޔާޝްއާ އެކު ބަތަލާގެ ރޯލު ކުޅެނީ އާމިރު ޚާންގެ ކުރީގެ އަންހެނުން ކިރަން ރާއޯ 2023 ގައި ގެނެސްދިން ފިލްމު 'ލާޕަތާ ލޭޑީސް' އިން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޒުވާން ބަތަލާ ނިތާންޝީ ގޮއެލް އެވެ.

ވަރަށް ގިނަ ދުވަސްތަކެއް ފަހުން ސާޖިދު ފިލްމެއް ޑައިރެކްޓް ކުރަން ފެށި އިރު، 2022 ގެ އޮގަސްޓްގައި އޭނަ '100 ޕަސެންޓް' ގެ ނަމުގައި ފިލްމެއް އިއުލާންކުރި އެވެ. ދެހާސް ތޭވީހުގައި ރިލީޒްކުރާ ގޮތަށް އެ ފިލްމު އިއުލާންކުރީ ކާސްޓްގައީ ޖޯން އަބްރަހަމާއި ނޯރާ ފަހުތީ އާއި ރިތޭޝް ދޭޝްމުކްގެ އިތުރުން ޝެހެނާޒް ގިލް ހިމަނައިގެންނެވެ.

ނަމަވެސް އޭގެ ފަަހުން އެ ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެ އެވެ.

ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ސާޖިދަކީ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އޭނަ ކުރިން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 'ހައުސްފުލް' ފްރެންޗައިޒްގެ ދެ ބަޔާއި 'ހޭ ބޭބީ' އާއި 'ހިންމަވަތުވާލާ' ހިމެނެ އެވެ.

ސާޖިދުގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ 2014 ގެ 'ހަމްޝަކަލްސް' އެވެ.