Last Updated: June 6, 06:06
Saturday, June 6, 2026
ދުނިޔެ

އިނގިރޭސި 'އެފްބީއައި' އުފައްދަނީ

އިނގިރޭސި ހޯމް މިނިސްޓަރު ޝަބާނާ.

އިނގިރޭސިވިލާތުގެ ފުލުހުންގެ ހިދުމަތް މިހާރަށް ވުރެ ހަރުދަނާ ކުރުމުގެ ގޮތުން 'އެފްބީއައި' އުފައްދަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިނގިރޭސީ ހޯމް މިނިސްޓަރު ޝަބާނާ މަހުމޫދު އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަލަށް އުފައްދާ ނެޝަނަލް ޕޮލިސް ސާވިސް (އެންޕީއެސް) އަކީ ޓެރަރިޒަމާއި އެ ނޫން ވެސް އެފަދަ ބޮޑެތި ކުށްތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް މި ޒަމާނާ ގުޅޭ ގޮތަށް ފުލުހުންގެ ހިދުމަތް ބައްޓަން ކުރަން އުފައްދާ ހިދުމަތެއް ކަމަށެވެ.

އެގޮތުން މިނިސްޓަރު އެ ހިދުމަތް ސިފަކުރެއްވީ 'ބްރިޓިޝް އެފްބީއައި' ގެ ގޮތުގަ އެވެ. ޝަބާނާ ވިދާޅުވި ގޮތުގައި އޭގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ނެޝަނަލް ކްރައިމް އެޖެންސީއާ ގުޅުވާލައިގެންނެވެ.

އަަލަށް އުފައްދާ 'ބްރިޓިޝް އެފްބީއައި' ގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާނީ އައްޔަންކުރާ ނެޝަނަލް ކްރައިމް ކޮމިޝަނަރެވެ. މިހާރު އިނގިރޭސިވިލާތުގެ ފުލުހުންގެ އެންމެ އިސް ވެރިޔަކީ ލަންޑަން މެޓްރޮޕިލިސްގެ ވެރިޔާ އެވެ.

މިނިސްޓަރު ވިދާޅުވީ އިނގިރޭސި ފުލުހުންގެ ހިދުމަތް ރިފޯމްކުރުމަށްޓަކައި ގެންނަ ބަދަލުތަކާ އެކު 'ބްރިޓިޝް އެފްބީއައި' މާދަމާ ރަސްމީކޮށް އިފުތިތާހު ކުރާނެ ކަމަށެވެ.

"މި ގެންނަ ބަދަލާ އެކު އިނގިރޭސިންގެ ފުލުހުންގެ ހިދުމަތަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިސް ހިދުމަތް ވަރަށް ބޮޑަށް ހަރުދަނާވެގެން ދާނެ." ޝަބާނާ ވިދާޅުވި އެވެ.