ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރަޕީގެ ޚިދުމަތް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަށައިފި އެވެ.
މިއީ، މާލެއިން ބޭރުން އެ ޚިދުމަތް ފެށި ހަތަރު ވަނަ ހޮސްޕިޓަލެވެ.
ރ. އަތޮޅަކީ ރާއްޖޭގައި ހަތަރު ވަނައަށް ކެންސަރު ބަލިމީހުން އެންމެ ގިނަ އަތޮޅެވެ. އެގޮތިން އެ އަތޮޅުގައި ބަލީގެ 58 މީހަކު އެބަތިއްބެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެތަުގައި ކީމޯގެ ޚިދުމަތް ފެށީ އައިޖީއެމްއެޗުގެ، އޮންކޮލޮޖީ ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު ނަރުހުން ތަމްރީނުކޮށް ކަމަށެވެ. އެ ހިދުމަތަށް އެ ހޮސްޕިޓަލްގައި ކީމޯ ރޫމެއް ޤާއިމުކޮށް އެއްފަހަރާ ދެ މީހުންނަށް ކީމޯ ސެޝަންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވެ އެވެ.
އުނގޫފަރު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެތަނުން ކީމޯގެ ފަރުވާ ހޯދަން އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރަން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ރާއްޖޭގައި ކެންސަރުގެ ކީމޯގެ ފަރުވާ ފެށީ 2014 ގަ އެވެ.
މާލެއިން ބޭރުން އެންމެ ފުރަތަމަ އެ ހިދުމަތް 2020 ގައި ފެށީ، ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގަ އެވެ. އޭގެ ފަހުން 2023 ގައި ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް ކީމޯ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.