Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 1،616 އެޕްލިކޭޝަން

މި ސަރުކާރުން ހުޅުވައިލި ބޯހިޔާވަހިކަމުގެ ސްކީމަށް އެދި މިހާތަނަށް 1،616 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މި މަހުގެ 18 ގައި "ޢާއިލީ ބޯހިޔާވަހިކަން" އަށް ހުޅުވައިލުމުން މިހާތަނަށް ފްލެޓަށް އެދި 1،160 އެޕްލިކޭޝަނާއި ގޯޗަށް އެދި 456 އެޕްލިކޭޝަން ލިބިފައިވެ އެވެ.

އަދި މިހާތަނަށް 7،605 މީހުން ޑްރާފްޓް ސްޓޭޖުގައި ފޯމު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ މާޗް 4 އާ ހަމައަށް އޮތް އިރު، އަދި ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް 17 އާ ހަމައަށެވެ.

މި ސްކީމުގެ ދަށުން ގްރޭޓަ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މާލެ ސަރަޙައްދުން 7،900 ފްލެޓް ދޫކުރުމަށް ވެސް ނިންމާފައިވެ އެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު، 860-4004, 861-4004, 862-4004, 863-4004, 864-4004, 865-4004 ނުވަތަ މިނިސްޓްރީގެ އީމެއިލް ([email protected]) މެދުވެރިކޮށް ލިބޭނެ އެވެ.