Last Updated: June 6, 06:06
Saturday, June 6, 2026
މީހުން

ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި 101 ބުރީގެ އެންމެ މައްޗަށް!

އުސް ތަންތަނުގެ މައްޗަށް އަރައިގެން އާންމުންގެ ސަމާލުކަން ހޯދަމުން އަންނަ އެމެރިކާގެ އެލެކްސް ހޮނޮލްޑް ޓައިވާންގެ 101 ބުރީގެ އިމާރާތެއްގެ އެންމެ މައްޗަށް ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅަކާ ނުލައި އަރައިފި އެވެ.

އޭނަ އިއްޔެ އެރީ ޓައިޕޭ 101 ގެ ނަމުން މަޝްހޫރު ސްކައިކްރެޕާއަށެވެ.

އި އިމާރާތުގެ އުސްމިނުގައި 508 މީޓަރު ނުވަތަ 1،667 ފޫޓް ހުރެ އެވެ. ޓައިޕޭ 101 ގެ އެންމެ މައްޗަށް އަރަން އެލެކްސް ނެގީ އެއް ގަޑިއިރާއި 31 މިނެޓެވެ.

އޭނަގެ މި ހަރަކާތް ނެޓްފްލިކްސް ލައިވް ސްޓްރީމްކޮށްފައިވާ އިރު، އެލެކްސްގެ ސޯޝަލް މީޑިއާގައި ވެސް މި ނުރައްކާތެރި ސްޓަންޓްގެ ވީޑިއޯތަކެއް ހިއްސާކޮށްފައިވެ އެވެ.

އޭނަ އަކީ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނެތި މީގެ ކުރިން އުސް ވަރަށް އުސްތަނަކަށް އަރާފައިވާ މީހެކެވެ. އެގޮތުން އެމެރިކާ ކެލިފޯނިއާގެ ޔޮޒެމައިޓް ނެޝަނަލް ޕާކްގައި ހުންނަ އެލް ކެޕިޓަން ފަރުބަދައިގެ މައްޗަށް ވެސް އަރާފައިވެ އެވެ. އާންމުންގެ ސަމާލުކަން އޭނަ އަށް ލިބުނީ އެތަނުގެ މައްޗަށް 2017 ގައި އެރުމާ ގުޅިގެންނެވެ.

އުމުރުން 40 އަހަރުގެ އެލެކްސް އަކީ އެލް ކެޕިޓަންގެ މައްޗަށް އެންމެ ފުރަތަމަ އެރި މީހާ ވެސް މެ އެވެ.