Last Updated: June 12, 11:16
Friday, June 12, 2026
މުނިފޫހިފިލުވުން

ސަލްމާން ހޮސްޕިޓަލްތަކާއި ރެސްޓޯރެންޓްތައް ހަދަނީ

"ބީން ހިއުމަން" ގެ ނަމުގައި މިހާރު ވެސް އެތައް ދާއިރާއަކުން އިންޑިއާގެ ގިނަ ބަޔަަކަށް އެހީ ފޯރުކޮށް ދެމުން އަންނަ ސަލްމާން ހާން އިންޑިއާގައި ހޮސްޕިޓަލްތަކާާއި ރެސްޓޯރެންޓްތަކެއް ހުޅުވާ ގޮތަށް ނިންމައިފި އެވެ.

ކާމިޔާބް އެކްޓަރު ބުނީ އޭނާ އެންމެ ފުރަތަމަ ހޮސްޕިޓަލްތަކާއި ރެސްޓޯރެންޓްތައް ހުޅުވާނީ އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގެ އިތުރުން ޕޫނޭގައި ކަމަށެވެ.

"މިއީ ހަމަ އެހީ ބޭނުންވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މާތް މަގުސަދުގައި ކުރާ ކަމެއް. މިއީ އެއްގޮތަކަށް ވެސް ވިޔަފާރި އަށް ވިސްނައިގެން ކުރާ ކަމެއް ނޫން. މުމްބާއީ އާއި ޕޫނޭގެ މެޓްރޯތަަކުގައި އިންފްރާސްޓްކަޗަ ގާއިމުކޮށް އެތަންތަނުން ލިބޭ ފައިދާ އިން އާންމުންގެ ބޭނުންތައް ފުއްދައި ދިނުމަށް މަސައްކަތް ކުރެވޭނެ،" ސަލްމާން ބުންޏެވެ.

ދާދި ފަހުން އިންޑިއާގެ ޓީވީ ޗެނަލަކާ އެކު 500 ކްރޯޑްގެ ޑީލެއް ވެސް ހަދާފައިވާ ސަލްމާން ބުނީ ފުރަތަމަ ގާއިމު ކުރާނީ ހޮސްޕިޓަލް ކަމަށެވެ. އަދި އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި ހޮސްޕިޓަލްގެ މަސައްކަތް ނިންމުމަަށް ވަގުތު ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ފަހުގެ ތާރީހުގައި ރިލީޒްވެފައިވާ ފިލްމްތަކުން ބޮޑު ފައިދާއެއްވަމުން އަންނަ ސަލްމާން ދާދި ފަހުން ވަނީ އޭނާގެ "ބީން ހިއުމަން" ފައުންޑޭޝަންގެ ފުރަތަމަ ފިހާރަ ވެސް ހުޅުވައިފަ އެވެ.
އެ ފައުންޑޭޝަންގެ މައިގަނޑު މަދުސަދަކީ ތައުލީމާއި ސިއްހީ ފަރުވާ ބޭނުންވާ ނިކަމެތިންނަށް ހިލޭ ސާބަހަށް އެެހީވުމެވެ.