Last Updated: July 11, 07:24
Saturday, July 11, 2026
ޚަބަރު

ދަރިވަރުންތަކަކާ ބެހުނު ޓީޗަރަކަށް 5 ދައުވާ

ޖިންސީ އަނިޔާ އާއި ދެކޮޅަށް މާލޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން - ފޮޓޯ: ވަން

ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފި އެވެ.

މި މައްސަލައިގައި ދައުވާކުރަނީ މ. ކޮޅުފުށި، ސާދާގެ، ޝުއައިބު ޢަބްދުﷲ ގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ ޝުއައިބު އަބްދުﷲ ޓީޗަރެއްގެ ގޮތުގައި ހުރެ، އޭނާ މަސައްކަތްކުރި ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މި މަހުގެ 21 ވަނަ ދުވަހު އޭނާގެ މައްޗަށް 5 ދައުވާއެއް މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ޝުއައިބު އަބްދުﷲގެ މައްޗަށް ކޮށްފައިވަނީ، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާއާއި، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ 2 ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް މި ދައުވާތައް ކޮށްފައިވަނީ އޭނާ ކިޔަވައިދޭ 2 ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި، އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މި ދައުވާތައް ސާބިތުވެއްޖެނަމަ، ޝުއައިބު އަބްދުﷲ ގެ މައްޗަށް މަދުވެގެން 60 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށެވެ.