މެރިން ހެޗަރީ ސިކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދެވަނަ ބޭސިކް ޓްރެއިނިން ކޯސް ފަށައިފި އެވެ.
އިއްޔެ ކ. މަނިޔަފުށި ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ފެށި މި ކޯސް އަންނަ މަހުގެ 5 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 10 މީހަކު ބައިވެރިވެ އެވެ.
މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 64 ބައިވެރިން ބޭސިކް މެރިކަލްޗަރ ކޯހުގައި ތަމްރީނު ފުރިހަމަކޮށްފައިވެ އެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗާގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ.
ވޯލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާ އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސްއިން ހިންގާ މި ކޯހުގެ ދަށުން ރާއްޖޭގައި މެރިކަލްޗަ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާ ކުރެވޭނެ އެވެ.
އެގޮތުން، އެކުއަކަލްޗާގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗާ މަސައްކަތްތައް ކުރުމުގައި ތިމާވެއްޓަށް ގެއްލުން ކުޑަވާ ގޮތަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަ އާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދެ އެވެ.