ރާއްޖެއިން ބޭރުން އަންނަ ކާގޯ ބޯޓްފަހަރު 24 ގަޑިއިރު ބަނދަރުތަކުގެ ޕޯޓް ލިމިޓް އޭރިއާ ވަދެވޭ ގޮތަށް 38 އަހަރު ފަހުން ސަރުކާރުން ހަމަޖައްސައިފި އެވެ.
ނޮވެންބަރު 1988 އިން ފެށިގެން މިއަދާ ހަމައަށް އޮތީ، ރާއްޖެއަށް ދަންވަރު 12:00 ގެ ފަހުން ވަންނަ ބައިނަލްއަގުވާމީ އާގުބޯޓުފަހަރު ހެނދުނު 6:00 ޖަހަންދެން ބޭރުގައި މަޑުކުރަން ޖެހޭ ގޮތަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ މިއީ އުސޫލު ބަދަލުކޮށް، އިޤްތިޞާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އޭނަ ވިދާޅުވީ މި ބަދަލާއެކު، ކުރިން ވެސް އުޅަނދުފަހަރަށް ދެމުންއައި ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ޚިދުމަތް ދިނުމުގެ ކަންކަން ވެސް 24 ގަޑި އިރު ހިނގަމުން ދާނެ ކަމަށެވެ.
ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 26 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުން ފެށިގެން 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ވަނީ ނިންމާފައި!
މިއީ،1988 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިޤްތިޞާދީ ގޮތުން އެޅުނު މުހިންމު… pic.twitter.com/KtxEiYrlha
— Mohamed Ameen (@ameen3d) January 25, 2026
މިނިސްޓްރީން ބުނީ އާ ބަދަލަށް މާދަމާ އިން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ.
އެގޮތުން މާދަމާއިން ފެށިގެން 24 ގަޑިއިރަށް ބަނދަރުގެ ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް އުސޫލު ބަދަލު ކޮށްފައިވާ ކަމަށް ބުންޏެވެ.
މާލޭގެ ވިޔަފާރި ބަނދަރުން އާގުބޯޓު ފަހަރަށް 24 ގަޑިއިރު ހިދުމަތް ނުދޭތީ ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ބައެއް ވިޔަފާރިން ބުނެފައިވެ އެވެ.