Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

"ރާޔާ މާލެ" ޕޭޖުން ސްކޭމް ހިންގާތީ ސަމާލުވާން އެދިއްޖެ

"ރާޔާ މާލެ" ނަމުގައި ހިންގާ ޕޭޖަކުން ސްކޭމް ކޮށްގެން ފައިސާ ހޯދަމުންދާތީ، އެކަމަށް ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ އެ ވެބްސައިޓަކީ ކާޑުގެ މައުލޫމާތުގެ އިތުރުން އިންޓަނެޓް ބޭންކިން ކްރެޑެންޝަލްސް ވަގަށް ނެގުމަށް ހިންގަމުންދާ ސްކޭމެއް ކަމަށެވެ.

އެގޮތުން ޖުވެލަރީ ފިހާރައަކަށް ހެދިގެން އެ ޕޭޖުން ސްކޭމްގެ މަޅީގައި މީހުން ޖައްސަނީ 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދޭ ކަމަށް ކަސްޓަމަރަށް ދައްކައިގެން ކަމަށާއި ނަމަވެސް ސްކޭމްކުރާ ޕޭޖުން ކަސްޓަމަރު އެއްޗެއް ގަންނަން ބޭނުންވެއްޖެ ހިނދެއްގައި، ފައިސާ ދެއްކުމަށް ފޭކް ލޮގިން ޕޭޖެއް ދައްކައި، ބެންކް އޮފް މޯލްޑިވްސްގެ ޔޫޒާ އަދި ޕާސްވޯޑް އަތުލާ ކަމަށް ބުނެފައިވެ އެވެ.

މިގޮތުން އެ މައުލޫމާތު ބޭނުންކޮށްގެން ސްކޭމަރުން އިންޓަނެޓް ބޭންކިންއަށް ވަދެ، އެކައުންޓުގައި ހުރި ފައިސާ ފޭރިގަންނަން މަސައްކަތް ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުން ބުނީ ބޭންކަށް ވަނުމަށް އެއްވެސް ވެބްސައިޓެއްގައި ދީފައިވާ ލިންކަށް ނުފިއްތުމަށް އެދޭ ކަމަށާއި އޯޓީޕީއަކީ އެކައުންޓުން ފައިސާ ފޮނުވުމަށް ދެވޭ "ކޮޅު" ކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. އޭގެއިތުރުން އެއްވެސް ލިންކެއްގައި އޯޓީޕީ ނުޖަހަން ވެސް ފުލުހުން އެދެ އެވެ.

މީގެއިތުރުން ފުލުހުން ބުނީ "ރާޔާ މާލެ" ނަމުގައި ހިންގާ ވެބްސައިޓުގައި މައުލޫމާތެއް ޖެހިފައިވާނަމަ، ލަސްނުކޮށް ބޭންކަށް ގުޅައި އެކައުންޓާއި ކާޑު ބްލޮކް ކުރުމަށް އެދޭ ކަމަށެވެ.