އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު މެންޗެސްޓާ ޔުނައިޓެޑުން 3-2 އިން އާސެނަލް ބަލިކޮށްފި އެވެ.
މި މެޗުން ބަލިވި ނަމަވެސް 23 މެޗުން 50 ޕޮއިންޓާ އެކު އާސެނަލް އޮތީ އަދިވެސް އެއްވަނައިގަ އެވެ. ދެވަނައިގައި 23 މެޗުން 46 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު، ތިންވަނައިގައި އޮތް އެސްޓަން ވިލާއަށް ވެސް 23 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. ސިޓީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ހަތަރުވަނައިގައި 23 މެޗުން 38 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 29 ވަނަ މިނެޓްގައި އާސެނަލުން ލީޑު ނެގިއިރު، މި ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނަމަވެސް މެޗުގެ 37 ވަނަ މިނެޓްގައި އާސެނަލްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، ބްރަޔަން އެމްބުއޭމޯ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ޕެޓްރިކް ޑޯގޫ އާސެނަލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ޔުނައިޓެޑުން ލީޑު ނެގިއިރު، މި ގޯލަށް ފަހު ގިނަ ބަދަލުތަކެއް ގެނެސްގެން އާސެނަލުން ދިޔައީ ޔުނައިޓެޑްގެ ފަހަތަށް ބާރު ބޮޑުކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 84 ވަނަ މިނެޓްގައި މިކޭލް މެރީނޯގެ ގޯލުން އާސެނަލުން ނަތީޖާ އެއްވަރުކުރި އެވެ.
ނަމަވެސް އޭގެ ތިން މިނެޓް ފަހުން މަތިއުސް ކުންޔާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޔުނައިޓެޑަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ. ކުންޔާ މި ގޯލު ކާމިޔާބުކުރީ އާސެނަލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މިއީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅެ އާސެނަލުން ބަލިވި ފުރަތަމަ މެޗެވެ.
ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ވަނީ 3-1 އިން ކްރިސްޓަލް ޕެލެސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އަދި އެސްޓަންވިލާ އިން 2-0 އިން ނިއުކާސަލް ބަލިކުރިއިރު، ނޮޓިންހަމް ފޮރެސްޓުން ވަނީ 2-0 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ.