Last Updated: June 8, 21:45
Monday, June 8, 2026
ކުޅިވަރު

ގައުމީ ފުޓްސަލް ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް

ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން - ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށާއި، ގައުމީ ފުޓްބޯޅަ ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާތީ ފުޓްސަލް ޓީމަށާއި ސްރީލަންކާގައި މިދިޔަ އަހަރު ބޭއްވި ސުޕަ ކަޕްގެ ޗެންޕިއަންކަން ހޯދި ފުޓުބޯޅަ ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސް ނިންމާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ނިންމަވާފައިވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް މުޅި ޓީމަށް މި ބޯނަސް ދިނުމަށް ކަމަށް ރާފިއު ވިދާޅުވި އެވެ.

މިއީ ރައީސް މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޫބަރު 2 ގައި ގައުމީ ޓީމާއެކު ސިޓްރޮން ރެސްޓޯރެންޓުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ނިންމަވާފައިވާ ނިންމެވުމެއް ކަމަށާއި އެ ފައިސާ ކުޅުންތެރިންނާ ހަވާލުކުރަނީ ފުޓުބޯޅަ އެސޯސިއޭޝަން މެދުވެރިކޮށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މިދިޔަ އަހަރު ވަނީ ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް ފުރަތަމަ ފަހަރަށް އެއްހަމަކޮށް 7،000ރ. އަށް ބޮޑުކޮށްފަ އެވެ.

ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ މެދުގައި ވެސް އިނާޔަތް އެއް އެއްހަމައަކޮށް ބޮޑުކުރުމަކީ ރައީސް މުއްއްޒުގެ ރިޔާސީ ވައުދެކެވެ.