މިނިވަން 50 ޗެމްޕިއަންޝިޕް ފައިނަލް މެޗްގައި މާދަމާ ހަވީރު ގދ. ފަރެސް މާތޮޑާ އާއި ސ. ފޭދޫ ބައްދަލު ކުރާ މެޗް ބެލުމަށް ދަނޑަށް ވަންނަ މީހުންނަށް ދަނޑަށް ނުވެއްދޭނެ ތަކެތީގެ ލިސްޓެއް އައްޑޫ ސްޓޭޑިއަމްއިން އާއްމުކޮށްފިއެވެ.
ރައީސުލް ޖުމްހުރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ޝަރަފްވެރިކޮށްދެއްވާ މި މެޗް ބެލުމަށް ދަނޑަށް ނުވެއްދޭނެ ސާމާތަކުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ކެއުމެއް ބުއިމެއް ދަބަހެއް، އެއްޗެއް ނުވެއްދެއެވެ.
އަދި ވާރޭ ކުޑަވެސް ވަނީ ވެއްދުން މަނާ ތަކެތީގެ ގޮތުގައި ލިސްޓްކޮށްފައެވެ.
މާދަމާގެ މެޗް ބެލުމަށް އަތޮޅުގެ ވަކިން އޮންނަ ހުޅުމީދޫންވެސް ސަޕޯޓަރުން އަންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އައްޑޫ ސްޓޭޑިއަމްގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ގިނަ ސާމާންތަކެއް ނުވެއްދޭއިރު މި ދުވަސްކޮޅަކީ އައްޑޫއަށް ވިއްސާރަ ދުވަސްކޮޅެކެވެ. އަދި ސްޓޭޑިއަމް ހެދިފައިވާ ގޮތުން ހިޔާވާނެ ތަނެއް ނެތުމުން ކުޑަ ނުވެއްދޭނެތީ މެޗް ބަލަންދަ ފަރާތްތައް ވާރޭ ވެހިއްޖެ ނަމަ ތިބެން ޖެހޭނީ ވާރޭގައެވެ.
ރައީސް ޔާމީންއަށް އަމާޒުކޮށް މިދިޔަ އަހަރު ދިން ހަމަލާ އާއި ގުޅިގެން އެމަނިކުފާން ވަޑައިގަންނަވާ ސަރަހައްދުތަކުގެ ސެކިއުރިޓީ މިހާރު ވަނީ ވަރަށް ބޮޑަށް މަތިކޮށްފައެވެ.