ކުރިއަށް ރަމަޟާން މަހު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ރާއްޖޭގެ 37 ހާފިޒަކު ހިފްޒުކޮށް ތަރާވީސް ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ އެ ހާފިޒުންގެ ތެރޭގައި ގިނައީ ވަރަށް ޒުވާން، އަދި ރީތިކޮށް ކިޔަވާ ހާފިޒުން ކަމަށެވެ.
މިފަހަރުގެ ރަމަޟާން މަހުގެ ތަރާވީސް ނަމާދުގެ އިންތިޒާމުތަކުގެ ދަށުން، އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް އިމާމުވެ ތަރާ ވީސް ނަމާދު ކުރާނީ ދިވެހި ހާފިޒުންނެވެ. އަދި ދެ މިސްކިތުގައި ޒުވާން ޚަޠީބުންނަށް ރޯދަ ނަހު ހުކުރު ޚުޠުބާ ކިޔުމުގެ ފުރުޞަތު ދިނުމަށް ނިންމާފައވެ އެވެ.
މިނިސްޓްރީން ބުނީ މިސްކިތްތަކުގައި ނަމާދު ކުރުމުގެ އިންތިޒާމުތަކަށް ގެނެވުނު ބަދަލުތަކަށް ބަލާއިރު، ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ނަމާދު ކުރުމުގެ ފުރުޞަތު ފަހިކޮށްދީފައި ވަޖީ އެފަދަ ޖަމާޢަތްތަކަށް ގިނަ އަދަދެއްގެ މީހުން އެއްވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ މަޖީދީ މަގުގައި ހުންނަ ސުލްޠާން ޢާދިލް މިސްކިތުގެ އިންތިޒާމެވެ. މީގެ ކުރިން ކުރުކޮށް ތަރާވީސް ކުރަމުން އައި މި މިސްކިތުގައި މި ފަހަރު ތަރާވސް ކުރާނީ ދިގުކޮށް ހިފްޒުކޮށެވެ. ނަމާދުކުރުމަށެވެ. އަދި އަލަށް ހުޅުވާ ބަރުބަރީ މިސްކިތުގައި މިފަހަރު ކުރުކޮށް ތަރާވީސް ކުރާނެ އެވެ. އަދި ބަދަލު ގެނައީ ޢާދިލް މިސްކިތުގައި ކުރުކޮށް ނަމާދުކުރާއިރު ޖަމާޢަތް ބޮޑުވެ، މަޖީދީ މަގު ބްލޮކްވެ އާންމުންނަށާއި ދުއްވާ އެއްޗެއްސަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު މާލެ ސަރަހައްދުގައި އިމާމުވެ ތަރާވީސްކުރާ ހުރިހާ ހާފިޒުންނަކީ ވެސް ދިވެހިންނަށް ހެދުން ކަމަށެވެ. އަދި މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މިފަހަރު ގިނަ އަދަދެއްގެ ދިވެހި ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ އެވެ.