ސަނީ ޑިއޯލް އާއި ޖޯތިކާ ލީޑަށް ލައިގެން ފިލްމެއް އިއުލާންކޮށްފި އެވެ.
'އެންތަނީ' ކިޔާ މި ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސަލް މޫވީސް އާއި މިދިޔަ އަހަރު ސަލްމާން ޚާންގެ 'ސިކަންދަރު' ގެނެސްދިން ޑައިރެކްޓަރު އޭއާރް މުރްގަދޯސް ޕްރޮޑިއުސްކުރާ އެކްޝަން ތުރިލާއެކެވެ.
އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ 'އެންތަނީ' ގެ ޑައިރެކްޓަރަކީ ބާލާޖީ ގަނޭޝް އެވެ.
މި ފިލްމު ވާނީ ސަނީ، 68، އާއި، ޖޯތިކާ، 47، އެކީގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.
ވަރަށް މަދުން ނޫނީ ހިންދީ ފިލްމުތަކުން ނުފެންނަ ޖޯތިކާ އަކީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ މަޝްހޫރު ތަމަޅަަ އެކްޓަރު ސޫރިއާގެ އަންހެނުންނެވެ. އަދި އޭނަ އަކީ ކުރިން ބޮލީވުޑްގައި މަސައްކަތްކުރި ބަތަލާ ނަގްމާގެ ކޮއްކޮ އެވެ.
އެކްސެލް އިން ހިއްސާވެގެން ހަދާ 'އެންތަނީ' އަށް ޖޯތިކާ ސޮއިކުރި އިރު، އެ ސްޓޫޑިއޯ އިން މިދިޔަ އަހަރު ނެޓްފްލިކްސް އަށް ގެނައި ކްރައިމް ޑްރާމާ ސީރީޒް 'ޑައްބާ ކާޓެލް' ގެ ރޯލެއް ވެސް އޭނަ ކުޅެފައިވެ އެވެ. މި ފަހުން ރިލީޒްވި ޖޯތިކާގެ އެންމެ ކާމިޔާބު ހިންދީ ފިލްމަކި އަޖޭ ދޭވްގަންގެ 2024 ގެ ބިރުވެރި ފިލްމު 'ޝައިތާން' އެވެ.

ސަނީގެ އާ ފިލްމެއް އިއުލާންކުރި އިރު އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބެމުން އަންނަ 'ބޯޑާ 2' އެވެ. ސަނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ލާހޯރް، 1947' އާއި 'ގަބްރޫ' އާއި 'ރާމާޔަން' އަދި 'އިއްކާ' ހިމެނެ އެވެ.