ބޮލީވުޑްގެ ތަރި، އަޖޭ ދޭވްގަންގެ އެކްޝަން އެޑްވެންޗާ ފިލްމު މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭނެ ކަމަށް ޕްރޮޑިއަސަރު ލަވް ރަންޖަން ބުނެފި އެވެ.
މިދިޔަ އަހަރު ރިލީޒްކުރި އަޖޭގެ ރޮމޭންޓިކް ކޮމެޑީ 'ދޭ ދޭ ޕިޔާރު ދޭ 2' ގެ ވެސް ޕްރޮޑިއުސަރު ބޮލީވުޑް ހަންގާމާ އަށް ބުނީ ވަގުތީ ނަމަކަށް 'ރޭންޖާ' ގެ ނަން ދީގެން މިދިޔަ އަހަރުގެ ތެރޭގައި މަސައްކަތް ފެށި ފިލްމުގެ ޝޫޓިން ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
ލަވް ބުނީ ސިނަމާތަކަށް ފިލްމު ގެންނަން ނިންމާފައި އޮތީ ޑިސެމްބަރު 4 ގައި ކަމަށެވެ. އަދި މިހާރު ފިލްމުގެ ނަން ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަން ފައިނަލްވި އަވަހަކަށް ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ބުންޏެވެ.
'ރޭންޖާ' އަކީ ހޮލީވުޑްގެ 'އިންޑިއާނާ ޖޯންސް' ސްޓައިލްގެ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ އަކްޝޭ ކުމާރުގެ 2019 ގެ 'މިޝަން މަންގަލް' ގެނެސްދިން ޖަގަން ޝަކްތީ އެވެ.
'ރޭންޖާ' ގެ ކާސްޓްގައި ސަންޖޭ ދަތާއި ތަމަންނާ ބާޓިއާ ވެސް ހިމެނެ އެވެ.
މި އަހަރަށް ހުރި އަޖޭގެ ފިލްްމުތަކުގެ ތެރޭގައި ކޮމެޑީ ފިލްމު 'ދަމާލް 4' އާއި ތުރިލާ 'ޑްރިޝަމް 3' ހިމެނެ އެވެ. މިދިޔަ އަހަރު އޭނަގެ ހަތަރު ފިލްމު ރިލީޒްކުރި އެވެ. އެއީ 'ދޭ ދޭ ޕިޔާރު ދޭ 2' ގެ އިތުރުން 'އާޒާދު' އާއި 'ރެއިޑް 2' އަދި 'ސަން އޮފް ސަރުދާރު 2' އެވެ.