Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އޮމަދޫގައި އަލަށް އިމާރާތްކުރި މިސްކިތް ހުޅުވައިފި

އދ. އޮމަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތް "މަސްޖިދުއްރަޙުމާ" ނިންމައި، ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ. މި މިސްކިތަކީ ހެޔޮއެދޭ ފަރާތަކުން އެ ރަށުގެ ރައްޔިތުންނަށްޓަކައި ބިނާކޮށްދީފައިވާ މިސްކިތެކެވެ.

މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރުގެ އިތުރުން ރަށު ކައުންސިލްގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ދީނަށް ލޯބިޖެއްސުމާއި، މިސްކިތްތައް ބިނާކޮށް އާބާދުކުރުމަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަސައްކަތެއް ކަމަށެވެ.

މިސްކިތް ހުޅުވައިދެއްވުމަށްފަހު، ސްޓޭޓް މިނިސްޓަރު ވަނީ މިސްކިތް ބިނާކޮށްދެއްވި ފަރާތަށް ޝުކުރު އަދާކުރައްވައި، މިސްކިތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢިމާރާތްކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް ވީހާވެސް އަވަހަށް މަޝްރޫޢުތައް ނިންމުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.