މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ގާނޫނު ބާތިލު ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އެ ޖަމިއްޔާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސޯސިއޭޝަންގެ ރައީސް އަހްމަދު ނާއިފް ވިދާޅުވީ ބާތިލުކުރަން ހުށަހެޅި ގާނޫނަކީ ރާއްޖޭގެ ގާނޫނުއަސާސީގައި އެކަށައަޅާފައިވާ އުސޫލުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ވެސް ހިލާފަށް ފާސްކޮށްފައިވާ ގާނޫނެއް ކަމަށެވެ.
އެމްޖޭއޭ އިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެމްއެމްބީސީން ރެގިއުލޭޝަން ގާނޫނު ބާތިލުކުރަން ހައި ކޯޓުގައި އެދުނީ އެ ގާނޫނު ގާނޫނުއަސާސީގެ ގިނަ މާއްދާތަކާ ހިލާފުވުމުގެ އިތުރުން އެ ގާނޫނަކީ އެތަކެއް ހައްގުތަކެއް ނިގުޅައި ގަންނަ ގާނޫނަކަށްވާތީ ކަމަށެވެ. އަދި އެ ގާނޫނުގައި މަނާ ކަންކަން ކަމަށް ކަނޑައަޅާފައިވާ ކަންކަމަަކީ ވަކި މާނަކުރުމެއް އަދި ހުދޫދެއް ބަޔާންނުކޮށް ކަނޑައަޅާފައިވާ ކަންކަން ކަމުގައިވާތީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމުގެ ހައްގަށް ވެސް ހުރަސްއެޅޭ ކަމަށް ބުނެފައިވެ އެވެ.
އެމްޖޭއޭ އިން ބުނީ ގާނޫނުއަސާސީން ކަށަވަރުކޮ ށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަން ކަމަށް، އެ ގާނޫނުގެ ސަބަބުން ހުރަސްއެޅި، މަސައްކަތްކުރުމުގެ ހައްގަށް ވެސް ގާނޫނުން ހުރަސް އެޅޭ ކަމަށެވެ. އަދި އެ ގާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން އަމަލުކޮށްފައި ވަނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ވެސް މައްސަލައިގައި ބުނެފައިވެ އެވެ.
އެމްޖޭއޭ އިން އެދުނު ވަގުތީ އަމުރުގައި އެދުނީ ހައި ކޯޓުން މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ގާނޫނުގެ ދަށުން އެއްވެސް ފަރާތަކާ މެދު ފިޔަވަޅު ނޭޅުމަށް އެމްއެމްބީސީ އަށް އަންގައި އަމުރުކޮށް ދިނުމަށެވެ. އަދި އެފަދަ ވަގުތީ އަމުރަކަށް އެދުނީ އިމެއް ނެތި ބާރުގެ ބޭނުންކޮށްގެން މީޑިއާތަކާ ދެކޮޅަށް އަދި ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ، އަދުލުވެރިކަމާ އެކު ފިޔަވަޅުތައް އެޅުމުގެ ހައްގަށް ހުރަސް އެޅި، މީޑިއާތަކާއި ނޫސްވެރިންގެ މަސައްކަތް ހުއްޓާލަން ޖެހި، ނުވަތަ ޖޫރިމަނާ ފަދަ އަދަބުތަކާ ވެސް ކުރިމަތިލާން ޖެހިދާނެތީ ކަމަށް ބުންޏެވެ.