ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިންނށް ސޯޝަލް މީޑިއާ މަނާކުރަން ބިލެއް ހުށަހަޅައި، އޭގެ ބަހުސް ވެސް ފަށައިފި އެވެ.
ނެޝަނަލް އެސެމްބްލީގައި މިހާރު އޮތް ބިލު އެ ގައުމުގެ ރައީސް އެމަނުއެލް މެކްރޯސް ވެސް އެންޑޯޒްކޮށްފައިވާ އިރު އޭނަ ވިދާޅުވެފައި ވަނީ އަމާޒަކީ މި އަހަރުގެ ދިރާސީ އާ އަހަރު ސެޕްޓެމްބަރުގައި ފަށަންވާ އިރަށް ބިލު ފާސްވެ، ގާނޫނަކަށްވުން ކަމަށެވެ.
ބިލުގައި ވަނީ އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް އިންސްޓަގްރާމާއި ޓިކްޓޮކާއި ސްނެޕް ފަދަ ޕްލެޓްފޯމްތައް މަނާކުރަން ހިމައިފަ އެވެ.
ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ފްރާންސުން މަސައްކަތް ފެށި އިރު، ދާދި ފަހުން މެކްރޯން ވަނީ އެފަދަ ފިޔަވަޅެއް އެ ގައުމު ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގެ ސަބަބުން ކުދިންނަށް ވަރަށް ގިނަ ގެއްލުންތައް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. އޭނަ ވިދާޅުވީ ކުދިންގެ އާންމު ސިއްހަތަށް ވެސް އޭގެ ސަބަބުން ނޭދެވޭ އަސަރުކޮށް ނަފުސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ކުދިންނަށް ނޭދެވޭ އެތައް ކަމެއް ކުރިމަތިިވަމުންދާ ކަމަށެވެ.
"އެހެންވެ މިކަމާ އަޅާނުލައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކަށް މާލީ ގޮތުން ބޮޑެތި ފައިދާތައް ނަގަން ދޫކޮށްލެވިގެން ނުވާނެ." މެކްރޯން ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހު އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ވަނީ ސޯޝަލް މީޑިއާ މަނާކޮށްފަ އެވެ. އަދި މިފަދަ ބަދަލަށް މެލޭޝިއާ އާއި އިނގިރޭސިވިލާތުން ވެސް އަންނަނީ މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެ އެވެ.