އޮސްޓްރޭލިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޮސްޓްރޭލިއާގެ ގަވަނާ ޖެނެރަލް ސަމާންތާ ޖޯއި މޮސްޓިންއާއި ބޮޑުވަޒީރު އެންތަނީ އަލްބަނީސްއަށާއި އެ ގައުމުގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުނަށް "އޮސްޓްރޭލިއާ ޑޭ" ގެ ތަހުނިޔާ ފޮނުއްވާފަ އެވެ.
ރައީސް ވިދާޅުވީ އޮސްޓްރޭލިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި އެޤައުމުގެ ރައްޔިތުން ހެޔޮ ނަސީބާއި ފާގަތިކަމުގައި ތަރައްޤީގެ އައު އުސްމިންތަކަށް ވާސިލުވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އޮސްޓްރޭލިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނީ 1974 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހު އެވެ.