މާދަމާ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު، ހުރިހާ ސްކޫލްތައްވެސް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މާދަމާ ސްކޫލްތައް ފަށަން ވާއިރު، އެ މިނިސްޓްރީގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތަކާއި، ސްކޫލްގެ މާހައުލުގައި ކުރަން ޖެހޭ މަސައްކަތްވެސް ފުރިހަމަ ކަމާއެކު ދަރިވަރުންގެ އުނގެނުމަށް އެއްވެސް ވަރެއްގެ ގޮންޖެހުންތަކެއް ކުރިމަތިނުވާ މިންވަރަށް ތައްޔާރު ކުރެވިފައިވާ ކަމަށެވެ.
ދިރާސީ އާ އަހަރު މާދަމާ ފަށާއިރު، އަތޮޅުތަކުގެ ސްކޫލްތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 15،000 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެގޮތުން އަތޮޅުތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 1،530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވާއިރު މާލެ އިން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުވެފައިވާ ކަމަށާއި އަތޮޅުތަކުގެ ރަށްތަކުން ގްރޭޑް 1 އަށް 3،042 ދަރިވަރުން ވަނުމަށް އެދިފައިވާއިރު މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ގްރޭޑު 1 އަށް ވަނުމަށް 1،748 ދަރިވަރުން އެދިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަތޮޅުތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބަދަލުވާ ދަރިވަރުން އަހަރުން އަހަރަށް އިތުރުވަމުންދާ އިރު، ހުޅުމާލޭގެ ފޭސް ދޭއްގައި މި ދިރާސީ އާ އަހަރަށް އާ ސްކޫލެއް ވެސް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޝަހީދު ޢަލީ ސްކޫލަށް ވަނުމަށް އެދި މިހާތަނަށް 1،900 އެއްހާ ދަރިވަރުން ހުށައަޅާފައިވެ އެވެ.