ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށާއި ނޫނީ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ވިދާޅުވީ ރެޔާއި ދުވާލު މަސައްކަތްކުރައްވަމުންދާ ވެރިޔަކާ އެކީގައި މަސައްކަތްކުރާނެ ކައުންސިލަރުންތަކަކާއި ޑަބްލިޔުޑީސީއެއް އަދި މޭޔަރެއް ހުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމުގެ ވިސްނުމުގައި އަންނަ ނަމަ، ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"އިޖުތިމާއީ އެތައް ގޮންޖެހުންތަކެއް އޮތް ގައުމެއްގައި ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމަވަމުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ އިރު، އެ ސަރުކާރަކަށް އަޅުގަނޑުމެން އެއްބާރުލުންދޭނެ ބަޔަކު ނުހޮވައިފި ނަމަ، އޭގެ ގެއްލުން އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް ކުރާނެ. އެއީ ހަމަ ޔަގީން ވެސް ކަމެއް،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ކައުންސިލަރުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާނެ ފަރާތްތައް ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާ ހަމައަށް ގެންގޮސްދެވޭނެ ކައުންސިލަރުންތަކެއް ތިއްބެވުމަކީ ރައްޔިތުންނަށް އޭގެ ލާބަ އާއި މަންފާ ކުރާނެ ކަމެއް ކަމަށްވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
މީގެއިތުރުން ފަސްޓް ލޭޑީ ވަނީ ގައުމަށް މަންފާ އާއި ލާބަކުރާނީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށާއި އެހެންކަމުން ޕާޓީތަކަށް ނިސްބަތް ނުވާ އަދި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް އެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.