ސާފްގެ ތާރީހީ އަލަތު ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދިއިރު، މުބާރާތުގެ ތަށި ފުޓްބޯޅަ އަށް ހާއްސަ ހިދުމަތްތަކެއް ކޮށްދިން ތިން ފަރާތަކަށް ފުޓްސަލް ޓީމުގެ މެނޭޖަރު މުހައްމަދު އުމައިރު ހާއްސަކޮށްފި އެވެ.
ތައިލެންޑްގައި ކުރިއަށްދިޔަ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދުމާ ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އުމެއިރު ބުނީ ތަށި ހާއްސަ ކުރާނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި މުހިއްމު އަދި ދުވަހަކު ވެސް ހަނދާނުން ފޮހެ ނުލެވޭނެ ތިން ފަރާތަކަށް ކަމަށެވެ.
އުމެއިރު މި ތަށި ހާއްސަކުރި ތިން ފަރާތަކީ ކެންސަރު ބަލީގައި މިދިޔަ އަހަރު ނިޔާވި ރާއްޖޭގެ ފުޓުބޯޅަ އަށް އަގުނުކުރެވޭނެ ހިދުމަތްތަކެއް ކޮށްދިން އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި 2024 ވަނަ އަހަރު ކުއްލި ގޮތަކަށް ނިޔާވި، ރާއްޖެ ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި މިދިޔަ އަހަރު ނިޔާވި ގައުމީ ޓީމަށް ކުޅުނު ކީޕަރު އިފްރާހު އަރީފް (އިފްރާ) އެވެ.
އުމެއިރު ބުނީ އެ ތިން ފަރާތަކީ ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނުނު ތިން ފަރާތް ކަމަށާއި އެއީ ކެރިއަރުގެ އެންމެ އުފާވެރި ދުވަސް ކަމަށެވެ. އެ ތިން ފަރާތުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށާއި ފުޓްސަލް ތަށި އެ ތިން ފަރާތަށް ހާއްސަކުރާ ކަމަށްވެސް އުމެއިރު ބުންޏެވެ.