ބަލި މީހުންނަށް އެހީތެރިވުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާ ކަމަށާއި އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ އެހީ ހޯދުމުގެ ނަމުގައި ހަގީގަތާ ހިލާފު ޕޯސްޓުތައް ޖަހާ ފައިސާ ހޯދަމުންދާ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ. އެ ފަދަ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތް ވެސް އެ ސެންޓަރުން ވަނީ ކިޔައިދީފަ އެވެ.
އެގޮތުން މިފަދަ ޕޯސްޓްތަކަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދާފައި ހުންނަނީ އެއީ ސްކޭމެއްކަން އެހެން މީހުން ބުނެދީފާނެތީ ކަމަށާއި ޕޯސްޓްގައި ދީފައިވާ ނަންބަރަކީ ގިނަ ފަހަރަށް ގުޅޭ ނަންބަރެއް ނޫން ކަމަށް އެ ސެންޓަރުން ބުންޏެވެ.
އެ ސެންޓަރުން ބުނީ ފައިސާ ފޮނުވުމުގެ ކުރިން ކަށަވަރުކުރުމަށާއި ޕޯސްޓްގައިވާ ފޮޓޯއަކީ އެހެން ގައުމެއްގެ ނުވަތަ މާ ކުރީގެ ފޮޓޯއެއްތޯ ބެލުމަށް
ގޫގުލް އިމޭޖެސް ބޭނުންކޮށްގެން ސާޗް ކުރުމަށް ވެސް ވަނީ އެދިފަ އެވެ. އަދި ފައިސާ ފޮނުވުމުގެ ކުރިން ދީފައިވާ ނަންބަރަށް ގުޅައި، އެއީ ހަގީގީ ނަންބަރެއްތޯ އަދި އެކައުންޓް ނަންބަރާ ގުޅުންހުރި މީހެއްތޯ ބެލުމަށް ވެސް ވަނީ އެދިފަ އެވެ.
މީގެއިތުރުން މެޑިކަލް ލިޔެކިޔުންތަކުގައި ޝައްކު އުފެދޭ ކަމެއް ހުރިތޯ ބަލައި ކަށަވަރުކުރުމަށާއި މި މައުލޫމާތު އެންމެންނަށް ހިއްސާކޮށް، ބަލިމީހުންގެ ނަމުގައި ހިންގާ މިފަދަ ޖަރީމާތަކުން ރައްކާތެރިވުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.