Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

އީސީ ގޮވައިގެން ޔާމީންގެ ޕާޓީ ކޯޓަށް!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހަމައެކަނި އީފާސް މެދުވެރިކޮށް ފޯމު ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީއެންއެފުން އިލެކްޝަން ކޮމިޝަން އީސީ) އާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ، ހަމައެކަނި އީފާސް ބޭނުންކޮށްގެން ކެންޑިޑޭޓުންގެ ކަންކަން ކުރިއަށް ގެންދިޔުމަށް ގާނޫނީ ގޮތުން އީސީ އަށް ބާރު ނުލިބޭ ކަމަށާއި އެ މައްސަލައިގައި މިހާރު އިލެކްޝަންސް އާއި ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާފައިވާނެ ކަމަށެވެ.

އޭނަ ވިދާޅުވީ ޝަރުއީ ކޯޓުތަކުގައި ވެސް ހެތްކެއް ބަލައިގަންނަނީ، އޭގެ އަސްލު ކިތާބީ ނުވަތަ ޝަފަހީ ހެކި އޮންނަ ނަމަ، ކަމަށާއި ކަރުދާހުން ކުރާ މުއާމަލާތް އެއްކޮށް ހުއްޓައިލުމުގެ ބާރު އިސީ އަށް ލިބިގެން ނުވާ ކަމަށެވެ.

ނަމަވެސް ކޯޓަށް ވެއްދި މައްސަލަ ކުރިއަށް ގެންދާނެކަމާ މެދު ސުވާލު އުފައްދަވައި ޔާމީން ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި މިނިވަންކަން ނެތް ކަމަށެވެ. އަދި ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދިޔަ ނަމަވެސް، ހަމައެކަނި އީފާސް ބޭނުންކުރަން ނިންމުމުގެ ގާނޫނީ ބާރު އީސީ އަށް ލިބިގެން ނުވާކަން ދިވެހިރަ އްޔިތުން ގަބޫލު ކުރާނެ ކަމަށް ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ މި ކަހަލަ ވިޔާނުދާ ކަންކަން އިީސީން ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮމިޝަންގެ ކަންކަމުގެ ތެރެއަށް ވަދެގެން ނުފޫޒު ފޯރުވައިގެން ކަމަށެވެ.

އީފާސް މެދުވެރިކޮށް އިންތިހާބަށް ކުރިމަތިލާން ޖެހޭ ގޮތަށް ހަމަޖައްސާފައި އޮތުމުން އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މެނުއަކޮށް ފޯމް ބަލައިގަތުމަށް އެ ޕާޓީން ގޮވާލާފައިވެ އެވެ. ފޯމު ހުށަހަޅަން އޮތް ގޮތާ މެދު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ.