Last Updated: June 6, 06:06
Saturday, June 6, 2026
މުނިފޫހިފިލުވުން

"އެނިމަލް ޕާކް" ގެ ޝޫޓިން އަންނަ އަހަރު

"އެނިމަލް ޕާކް" ގައި ރަންބީރް ފެންނާނެއް ލުކެއް.

ދެހާސް ތޭވީހުގައި ރިލީޒްކުރި ރަންބީރް ކަޕޫރްގެ ކާމިޔާބު ފިލްމު "އެނިމަލް" ގެ ދެވަނަ ބައިގެ ޝޫޓިން އަންނަ އަހަރު ފަށަން ނިންމައިފި އެވެ.

"އެނިމަލް ޕާކް" ގެ ނަން ދީފައިވާ އެ ފިލްމުގެ ޝޫޓިން މި އަހަރު ފަށާނެ ކަމަށް ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ކުރިން ބުނެފައިވެ އެވެ. ނަމަވެސް އަންނަ އަހަރަށް އޭގެ މަސައްކަތް ފަސްކުރީ ކުޅަދާނަ ޑައިރެކްޓަރު މިހާރު ހަދަމުން އަންނަ ޕްރަބާސްގެ ފިލްމު "ސްޕިރިޓް" ގެ މަސައްކަތް އެކިއެކި ސަބަބުތަކާ ހެދި ލަސްވުމާ ގުޅިގެންނެވެ.

މި ފިލްމަކީ "އެނިމަލް" ރިލީޒް ކުރުމުގެ މާ ކުރިން އޮކްޓޯބަރު 7، 2021 ގައި އިއުލާންކުރި ފިލްމެކެވެ. ނަމަވެސް "ސްޕިރިޓް" ގެ ޝޫޓިން ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ މާޗް 5 ގަ އެވެ.

ޑެޑްލައިނަށް ދިން އިންޓަވިއުއެއްގައި ރަންބީރް ބުނީ "އެނިމަލް ޕާކް" ގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފަށާނީ ޑައިރެކްޓަރު ސަންދީޕް "ސްޕިރިޓް" ގެ މަސައްކަތްތަކުން އެއްކޮށް އަތްދޫކޮށްލުމަށް ފަހު ކަމަށެވެ. އަދި އެ ފިލްމުގެ މަސައްކަތް ފަށަން ކެތްމަދުވެފައި ހުރި ކަމަށް ވެސް ބުންޏެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރި "އެނިމަލް" އަކީ 100 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. ބޮކްސް އޮފީހުގައި ފިލްމަށް 920.82 ކްރޯޑް ރުޕީސް (110.4 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ. އޭގެ ކާސްޓްގައި އަނިލް ކަޕޫރް، ރަޝްމިކާ މަންދަނާ، ބޮބީ ޑިއޯލް އަދި ޓްރިޕްތީ ދިމްރީ ފަދަ ތަރިން ހިމެނެ އެވެ.

"އެނިމަލް" ގައި ކުޅުނު ރޯލުން ރަންބީރަށް ފިލްމުފެއާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފައިވެ އެވެ.

އޭނަ މިހާރު އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އާއި ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ރާމާޔަން" އެވެ. މި ދެ ފިލްމުގެ ތެރެއިން "ރާމާޔަން" ގެ ފުރަތަމަ މި އަހަރުގެ އޮކްޓޯބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އިރު، ދެވަނަ ބައި ގެނެސްދޭނީ އަންނަ އަހަރު އެވެ.

ނަމަވެސް "ލަވް އެންޑް ވޯ" ގެނެސްދޭނެ އިރެއް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމު މި އަހަރު ގެނެސްދޭނެ ކަމަށް ބެލެވިފައި ވަނިކޮށް، ޝޫޓިން ދިގުލައިގެން ގޮސްފައިވާތީ ފިލްމު އޮތީ އަންނަ އަހަރަށް ފަސްކޮށްފި އެވެ.

"ލަވް އެންޑް ވޯ" އަކީ އަންހެނުން އާލިއާ ބަޓާ އެކު ރަންބީރް ކުޅޭ ދެވަނަ ފިލްމެވެ. މީގެ ކާސްޓްގައި ވިކީ ކޯޝަލް ވެސް ހިމެނެ އެވެ.