މިނިވަން 50 ޗެމްޕިއަންޝިޕް ފައިނަލް މެޗްގައި މިއަދު ހަވީރު ފޭދޫ ޓީމާއި ގދ. ފަރސް މާތޮޑާ ބައްދަލުގައި ފޭދޫ ޓީމްގެ ތަޖްރިބާ ކާރު ކުޅުންތެރިއާ އަހްމަދު ސައީދު (އައްމަޓީ) ނެތުމަކީ އުނި ކަމެއް ކަމަށާއި، ނަމަވެސް ސަޕޯޓަރުންގެ އެހީގައި އެތަން ފޫބެއްދޭނެ ކަމަށް ފޭދޫ ޓީމުން ބުނެފިއެވެ.
ފެދޫ ޓީމްގެ މެނޭޖަރ އަލީ ހަނީޒް (ބޮއްކާ) މިއަދު "އައްޑޫލައިވް"އަށް ބުނީ ޓީމަށް އޮތް އެންމެ ބޮޑު ހިތްވަރަކީ މިއަދުގެ މެޗްގައި މުޅި އައްޑޫ ރައްޔިތުން ޓީމްގެ ފަހަތުގައި ތިބުމެވެ.
އަމިއްލަ ދަނޑުގައި މިއަދު ކުޅޭ މެޗްގައި 2008ގެ ސާޕް ޗެމްޕިއަންޝިޕްގައި ތަށީ އުފުލާލި ގައުމީ ޓީމުގައި ހިމެނުނު އައްމަޓީ މިއަދުގެ މެޗްގައި ނުކުޅެެވެނީ ދެ ރީދޫ ކާޑް ހަމަވެގެންނެވެ.
"އައްމަޓީ ނެތުމަކީ ދެރައެއް. އެކަމަކު ޓީމް އެކުގައި ނިކުމެ، ރަނގަޅު ނަތީޖާއެއް ނެރެވޭނެ، ސަޕޯަޓަރުން އެބަތިބި، ޓީމްގައި ތަޖްރިބާކާރު ގިނަ ކުޅުންތެރިން އެބަހިމެނޭ."
މިއަދުގެ މެޗްގައި ފޭދޫ ޓީމަށް ސަޕޯޓް ކުރުމަށް ވަކިން އޮންނަ ހުޅުމީދޫންވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން އައްޑޫ ސްޓޭޑިއަމްއަށް އަންނާނެ ކަމަށް ހަނީޒް ބުންޏެވެ.
ފޭދޫ ޓީމަށް ބަލާއިރު ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ގިނަ ކުޅުންތެރިން ޓީމްގައި އެބަހިމެނެއެވެ. އައްމަޓީއަށް މިއަދު ނުލުޅޭވޭތީ އޭނާގެ ބަދަލުގައި މިއަދުގެ ފުރަތަމަ 11 އިން ފެންނާނީ މުހައްމަދު އިބްރާހިމް (މުއްޓީ)އެވެ.
ފޭދޫ އާއި ދެކޮޅަށް ކުޅޭ ގދ. ފަރެސް މާތޮޑާ ޓީމްވެސް މިއަދުގެ މެޗަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އެޓީމްގެ މެދުތެރެ ބަލަހައްޓައި، ޓީމްގައި ނަގާ ކިޔާ ކުޅުންތެރިއަކަށް ހުންނާނީ ތަޖްރިބާ ކާރު މިޑްފީލްޑަރ ޝަމްވީލް ގާސިމް (ބޮންޑާ)އެވެ.