ބޮޑު ކާސްޓަކާ އެކު ގެނެސްދޭން ނިންމާފައިވާ ބޮލީވުޑްގެ ފިލްމު "ވެލްކަމް ޓު ޖަންގަލް" ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.
މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ނިންމާލި މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައި ވަނީ ޖޫން މަހުގެ 26 ގަ އެވެ. "ވެލްކަމް ޓު ޖަންގަލް" އަކީ ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ ގެނެސްދެމުން އަންނަ "ވެލްކަމް" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ.
އާ ފިލްމުގައި މީގެ ފުރަތަމަ ފިލްމު ކަމަށްވާ 2007 ގެ "ވެލްކަމް" ގެ މައިގަނޑު އެއް ރޯލު ކުޅުނު އަކްޝޭ ކުމާރު ހިމެނެ އެވެ. އޭނައާ އެކު "ވެލްކަމް ޓު ޖަންގަލް" އިން ފެންނާނެ ތަރިންގެ ތެރޭގައި ސުނިލް ޝެޓީ އާއި ރަވީނާ ޓަންޑަނާއި ސަންޖޭ ދަތާއި ޑިޝާ ޕަޓާނީ އާއި އަފްތާބް ޝިވްދަސާނީ އާއި ޖެކްލީން ފެނާންޑޭޒާއި ތުޝާރް ކަޕޫރާއި އަރުޝަދު ވަރްސީ އާއި މަނޫޝީ ޗިލާރާއި ރަންދީޕް ހޫޑާ އާއި ލާރާ ދައްތާ އާއި ޝްރެޔަސް ތަލްޕަޅޭ އާއި ޝާރިބް ހާޝީމީ އާއި ޕަރޭޝް ރާވަލާއި ސުޕްރިޔާ ކަރްނިކާއި ރާޖްޕަލް ޔާދަވާއި ޖޯނީ ލީވާ އައި ފަރީދާ ޖަލާލާއި ޕުނީތު އިސާރް އަދި މަނޯޖް ޕަހްވާ ހިމެނެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ކޮރިއޮގްރާފަރު އަހުމަދު ޚާނެވެ. އޭނަގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ ޓައިގާ ޝްރޮފްގެ 2022 ގެ "ހީރޯޕަންތީ 2" އެވެ. އަހުމަދަކީ ޓައިގާގެ "ބާގީ" ގެ ދެވަނަ ބަޔާއި ތިން ވަނަ ބައިގެ ވެސް ޑައިރެކްޓަރެވެ.
"ވެލްކަމް ޓު ޖަންގަލް" ގެ އިތުރުން މި އަހަރުގެ ރިލީޒްކުރާނެ އަކްޝޭގެ ފިލްމުތަކުގެ ތެރޭގައި ހޮރޯ-ކޮމެޑީ "ބޫތު ބަނގްލާ" އާއި ތުރިލާ "ހައިވާން" ހިމެނެ އެވެ.