މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ދިން މުއްދަތު މާ ކުރު ކަމަަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް މިކަމަށް ހައްލެއް ހޯދައި ދޭން އިލެކްޝަން ކޮމިޝަން (އީސީ) އަށް ގޮވާލައިފި އެވެ.
އެ ޕާޓީން މިއަދު ބުނީ އިންތިހާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުމަށް އިން ދީފައިވަނީ ވަރަށް ކުރު މުއްދަތެއް ކަމަށްވީތީ، ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެމްޑީޕީން ބުނި ގޮތުގައި އިންތިހާބަށް ކުރިމަތިލާ މީހުން ދައުލަތުގެ އިދާރާތަކުން ރިކޯޑް ސާފު ކުރުމާއި އެހެނިހެން ކަންކަން ފުރިހަމަ ކުރުމަށް އެތަކެއް ދުވަހެއް ނަގާތީ، ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ އެކަމަށް އެންމެ އެކަށީގެންވށ މުއްދަތެއް ނޫން ކަމަށެވެ.
އެހެންވެ މިކަމުގެ ސަބަބުން އެތައް ބަޔަކަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިދާނެކަމުގެ ކަންބޮޑުވުން އޮތް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
"މި މައްސައަށް ހައްލު ހޯދައި ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަން." އެމްޑީޕީން ބުންޏެވެ.
އިންތިހާބަށް ކުރިމަތިލާން ކުރިމަތިލާން ހުޅުވައިލީ މި މަހުގެ 17 ގަ އެވެ. އަދި އެކަމަށް ދިން ސުންގަޑި ހަމަވާނީ އަންނަ މަހުގެ 1 ގެ މެންދުރު ފަހު 3:30 އަށެވެ.
އީސީން މި ފަހަރު ނިންމާފައީ އީފާސް މެދުވެރިކޮށް ހަމައެކަނި އޮންލައިންކޮށް ފޯމުތައް ހުށަހެޅުމަށެވެ. މިކަމާ ގުޅިގެން ވެސް އެމްޑީޕީގެ އިތުރުން ޕީއެންއެފުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ކައުންސިލް އިންތިހާނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.