ފުވައްމުލައް ސިޓީން ދިވެހި ފިރިހެނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުުލުހުން ބުނެފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އަބްދުލްއަޒީޒު މުހައްމަދު (64އ) ދޫޑިގަން، ދުންފިނިގެ / ޏ.ފުވައްމުލައް ކަމަށެވެ.
ފުލުހުން ބުނީ އަބްދުލްއަޒީޒު މުހައްމަދު މަސައްކަތްކުރަނީ މުދާ އުފުލާ ދޯނިފަހަރުގައި ކަމާއި އޭނާގެ ހަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތިން ވަނަ ދުވަހު ފޯނުން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަބްދުލްއަޒީޒު މުހައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަބްދުލްއަޒީޒު ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހައި ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައެއް ނުވާ ކަމަށެވެ.
ފުލުހުން ވަނީ އަބްދުލްއަޒީޒުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަން ނަންބަރު 9792803 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދިފައެވެ.