Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މަސްދަޅު ކޭސްތައް އަތޮޅުތަކަށް ފޮނުވަން ފަށައިފި

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތައް އަތޮޅުތަކަށް ފޮނުވަން ފަށައިފި އެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނި ގޮތުގައި އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށެވެ.

ރަށްތަކުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ.

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބެހިގެންދާނެއެވެ.