ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އެއްގައި ހިންގޭ މަސައްކަތްތަކުގެ ތެރޭގައި ތެލާއި މައުދަން ހޯދުން ހިމަނައިފި އެވެ.
ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން، ބޯޑް އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން، އަހަރަކު އެއްފަހަރު ކަނޑައަޅައި އިޢުލާނު ކުރަންވާނެ ކަމަށް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު ގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކަނޑައަޅާ ކޮންމެ ކަނޑައެޅުމެއް، ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ ކުރިން މުރާޖަޢާކޮށް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އަލުން ކަނޑައަޅައި އިޢުލާނު ކުރަންވާނެ ކަމަށް، އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ.
ރައީސްގެ ޤަރާރުން ކަނޑައެޅި ކަނޑައެޅުން މުރާޖަޢާ ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން އަލުން ކަނޑައަޅުއްވައި އާންމުކޮށް މިހާރު ވަނީ އިޢުލާނުކުރައްވާފަ އެވެ.
އެގޮތުން، އެސްއީޒެޑްގައި ހިންގިދާނޭ އިގްތިސާދީ މަސައްކަތްތައް ކަމުގައި ކަނޑައަޅުއްވާފައިވަނީ، ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދުގެ އިންވެސްޓްމަންޓްތަކާއި، ޖުމުލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކެވެ.
ސްޓްރެޓީޖިކް އިންވެސްޓްމަންޓުތަކުގެ ތެރެއިން، އިންވެސްޓްމަންޓެއް ހިމެނޭގޮތުން ޤާއިމުކުރުމަށް ހުށަހަޅާ ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓްގެ ތެރޭގައި ނުވަ ބާވަތެއްގެ އިންވެސްޓްމަންޓް ހިމަނުއްވާފައިވެއެވެ. އެއީ:
– އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގގެ އެކި ބާވަތުގެ މަސައްކަތްތައް.
– ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއަރޕޯޓް،ބަލްކް ބްރޭކިންގ، ބަންކަރިންގ، ޑޮކިންގ ސަރވިސަސް.
– ޔުނިވަރސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.
– ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ޕާކް، އައި.ސީ.ޓީއާ ގުޅޭ ފެސިލިޓީތައް.(
– އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
– އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ.
– ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް.
– ފުޑް ސެކިއުރިޓީގެ ދާއިރާ.
– ތެލާއި، ގޭހާއި، މިނަރަލް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.
ޖުމުލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްޤީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫޢުތަކުގައި މިނިމަމް އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރު ޚާއްޞަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓް ތަކަށް ކަމަށްވެސް ޤަރާރުގައި ކަނޑައަޅުއްވާފައިވެއެވެ.