ތިރީގައި މިވަނީ އަޅުގަނޑުގެ ގާތް އެކުވެރި އުސްތާޛެއް ކަމުގައިވާ އެމެރިކާގެ ނިވްޖާޒީގެ މަޝްހޫރު ދީނީ ޢިލްމު ވެރިޔާ ޝައިޚު ޑރ. ޝަދީ އަލް މަޞްރީ އޭނާގެ ދަރުސެއްގައި ކިޔުއްވައި ދެއްވާފައިވާ ޢިބްރަތްތެރި ޙާދިސާއެކެވެ. އެއީ މީހަކު ﷲ ﷻ އަށް ތަޟައްރުޢުވެރިވެ ކުރި ދުޢާއެއް އިޖާބަ ކުރެއްވި ރީތި ގޮތުގެ ވާހަކައެކެވެ.
ޝައިޚު ޑރ. ޝަދީ ވިދާޅު ވިއެވެ. މިޞްރުގެ މަޝްހޫރު ޢިލްމުވެރި ޤާރީވެރި އިމާމަކު އޭނާގެ ގާތް ރަޙުމަތްތެރިންގެ ގާތުގައި މި ވާހަކަ އަންނަނިވި ގޮތަށް ކިޔައިދެއްވި އެވެ.
އެއް ދުވަހަކު އޭނާ ހެނދުނު 6:00 ގައި އޮތް ފްލައިޓަކުން ފުރުއްވަންޖެހިވަޑައިގަތެވެ. އޭނާ ދިރިއުޅުއްވާ ހިސާބުން އެއާޕޯޓަށް ދިއުމަށްޓަކައި 3 ގަޑިއިރުގެ ދަތުރެއް ކުރައްވަންޖެހޭތީ، އޭނާ ގަސްދު ކުރެއްވީ އެއާޕޯޓާއި ވަރަށް ކައިރީގައި ހުރި މިސްކިތެއްގައި އެ ރޭ މަޑުކޮށްލެއްވުމަށެވެ. އެ މިސްކިތުގެ އިމާމަކީ އޭނާ ދެނެލައްވާ މީހަކަށް ވާތީ، އޭނާއަށް ގުޅުއްވާފައި ދަންވަރު މިސްކިތަށް ވަދެވޭނެ ގޮތަށް ދޮރު ހުޅުވާފައި ބެހެއްޓުމަށާއި ބޮކި ދިއްލާފައި ބެހެއްޓުމަށް އެދި ވަޑައިގަތެވެ.
ލަގެޖް ހިއްޕަވައިގެން ޝައިޚު މިސްކިތަށް ވެންނެވިއިރު، އެތަނުގެ މަސައްކަތު މީހާ ހުރީ މިސްކިތުގެ ދޮރު ކުޑަކޮށް ހުޅުވާފައެވެ. މިސްކިތުގެ އެތެރެ އޮތީ އަނދިރިކޮށެވެ. ނަމަވެސް އެންމެ ކުރީ ސަފާއި ދިމާލުން އެންމެ ބޮތްކެއް ދިއްލާފައި ހުއްޓެވެ. ޝައިޚު އެތަނަށް ވަންނަވައި އޭނާގެ ދަބަސްތައް ބެހެއްޓެވި ވަގުތު، މިސްކިތުގެ މިޙުރާބު ސަރަޙައްދުން ވަރަށް ބާރަށް ގިސްލާ ރޮމުން، މީހަކު اللهُ ﷻ ގެ ހަޟްރަތުގައި ދުޢާ ދަންނަވާ އަޑު އިވުނެވެ. އެއީ ޢުމުރުން ދުވަސްވީ މީހެކެވެ. އޭނާ ދުޢާގައި ބުނަމުން ދިޔައެވެ. "ޔާ الله! މާދަމާ ހެނދުނު އަޅުގެ އަންހެނުންގެ އޮޕަރޭޝަން އެބައޮތެވެ. އަޅުގަނޑުގެ އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. އަޅުގަނޑުގެ އަތަކު، އަޅުގަނޑުގެ އަޚުންގެ އަތަކު އެއްވެސް އެއްޗެއް ނެތެވެ. އެހީވާނެ އެއްވެސް މީހަކު ނެތެވެ. މިކަން ކޮށްދޭނެ އެހެން އެއްވެސް ފަރާތެއް ނެތެވެ!"
އެމީހާގެ ރުއިމުގެ އަޑުން ޝައިޚަށް ވަރަށް އަސަރު ކުރިއެވެ. އެމީހާގެ ކާރިޔަށް ދުރުވެ އެމީހާއާ ވާހަކަ ދެއްކެވުމުން އޭނާ ކިޔައިދިނެވެ. އޭނާގެ އަންހެނުންގެ ސާޖަރީއަކީ އެދުވަހުގެ ހެނދުނު ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އޭނާ މުޅި ރޭ ހޭދަކުރީ އެކި މީހުންގެ ގާތަށް ގޮސް ދަރަންޏަށް ފައިސާ ހޯދަން މަސައްކަތްކުރުމުގައެވެ. ނަމަވެސް އޭނާގެ ވަޒީފާއަކީ އެހާ ރަނގަޅު ވަޒީފާއަކަށް ނުވާތީ، އެ ފައިސާ އަނބުރާ ދެއްކޭނެ ކަމުގެ ޔަޤީންކަން ނެތް ކަމަށް ބުނެ އެކަކުވެސް އެހީއެއް ނުވިއެވެ. ގެއަށް ދިޔަ މަގުމަތީގައި މިސްކިތުގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުއްޓާ ފެނުމުން، އެއީ اللهُ ﷻ ދެއްވި ފުރުޞަތެއް ކަމަށް ބަލައި އޭނާ އެތަނަށް ވަދެ ދުޢާކުރަން ފެށީއެވެ.
ޝައިޚު އެއްސެވިއެވެ. "ތި ސާޖަރީއަށް ބޭނުންވަނީ ކިހާ ފައިސާއެއް ހެއްޔެވެ؟" އެމީހާ ބުންޏެވެ. "15,400 (މިޞްރު) ޕައުންޑެވެ." ޝައިޚު ވަރަށް ދެރަވެފައި ބުނުއްވިއެވެ. "އަހަރެންގެ އަތުގައި ތިހާ ފައިސާއެއް ނެތެވެ. ނަމަވެސް ކަލޭ ދުޢާ އިޖާބަކުރައްވާ ފަރާތަށް (اللهُ ﷻ އަށް) ވަކީލުކޮށްގެން ދުޢާކުރުމުގައި ދެމިހުންނާށެވެ." ދެން އެމީހާ ދުޢާ ދެންނެވުމުގައި އަލުން މަޝްޣޫލު ވިއެވެ.
ފަތިސް ނަމާދު ވަގުތު ޖެހުމުން، އެ މިސްކިތުގެ އަސްލު އިމާމު އައިސް، އިމާމުވެ ނަމާދު ކޮށްދެއްވުމަށް މި ޝައިޚުގެ އަރިހުން އެދުނެވެ. މި މިސްކިތުގެ އަޑުގަދަކުރާއިން ނަމާދުގެ އަޑު ކައިރީގައި ހުރި ގެތަކަށް އިވެއެވެ. ނަމާދު ނިމިގެން ޝައިޚު އެނބުރިލެއްވި ވަގުތު، ވަރަށް ރީއްޗަށް ހެދުން އަޅައިގެން ތަނަވަސް ފާޑަކަށްހުރި މީހެއް އައިސް އުފަލާއި ޝައުގު ވެރި ކަމާއިއެކު ޝައިޚާއި ބައްދަލުކުރިއެވެ. އޭނާ ދެންނެވިއެވެ. "އަޅުގަނޑަކީ ޝައިޚުގެ ޓީވީ ޕްރޮގްރާމްތައް ބަލާ މީހަކީމެވެ. މަނިކުފާނުގެ ރީތި ކިޔެވުމުގެ އަޑު އިވިގެން އަޅުގަނޑު މިއައީއެވެ. އަޅުގަނޑަކީ ﷲގެ ރަޙުމަތްޕުޅުން ވިޔަފާރިއެއް ކުރަމުން އަންނަ ހިސާބެއްގެ ތަނަވަސްކަން ހުރި މީހަކީމެވެ. މަނިކުފާނުގެ އެއްވެސް މަސައްކަތް ޕުޅަކަށް ނުވަތަ ދަރިވަރަކަށްވިޔަސް އެއްވެސް އެހީއެއް ބޭނުންފުޅުތޯއެވެ؟"
ޝައިޚު ބުނުއްވިއެވެ. "އަހަރެންގެ ވަކި ބޭނުމެއް ނެތެވެ. ނަމަވެސް މިތަނުގައި އެހީއަށް ބޭނުން ޖެހިފައިވާ މީހަކު އެބައިނެވެ. އޭނާ، އޭނާގެ އަންހެނުންގެ ސާޖަރީއަށް ފައިސާ ބޭނުންވެގެން މުޅި ރޭ ރޮއި ދުޢާކުރުމުގައި ހޭދަކޮށްފި އެވެ."
އެވަގުތު ވިޔަފާރިވެރިޔާ ދެންނެވިއެވެ. "ސުބުޙާނަالله އެވެ! އަޅުގަނޑުގެ އަންހެނުން މިއަދު އަޅުގަނޑު ނަމާދަށް ނިކުތް އިރު ބުންޏެވެ: އަހަރެމެން ޖަމާކޮށްފައި ހުރި ޞަދަޤާތުގެ ފައިސާތައް މިއަދު ކޮންމެހެންވެސް ގެންގޮސް ބަހާށެވެ. ގޭގައި އެ ފައިސާ ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫނެވެ."
ޝައިޚު އެއްސެވިއެވެ. "ތިބާގެ އަތުގައި ތިހުރި ޞަދަޤާތުގެ ފައިސާގެ ޖުމްލަ ޢަދަދު ކިހާވަރެއް ވާނެ ހެއްޔެވެ؟"
ވިޔަފާރިވެރިޔާ ކުޑަކޮށް ވިސްނާލާފައި ޖަވާބުގައި ދެންނެވިއެވެ. "އެއީ 15,400 ޕައުންޑެވެ."
މި ޢަދަދު އިވުމާއެކު ޝައިޚަށް ލިބިލެއްވި ސިހުމުގައި އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. އެއީ އެ ފަގީރު މީހާ ބޭނުންވާ ކަމަށް ދެންނެވި ސީދާ ޢަދަދެވެ! ޝައިޚު އަވަސްއަވަހަށް އެ ފަގީރު މީހާ ހޯއްދަވައި، އޭނާ ގެނެސް ވިޔަފާރިވެރިޔާގެ ކުރިމަތީގައި އޭނާގެ ޙާލަތު ކިޔައިދިނުމަށް އެދިލެއްވިވެ. ފަގީރު މީހާ ބުންޏެވެ. "އަޅުގަނޑުގެ އަންހެނުންގެ ސާޖަރީ މިއަދު ހެނދުނު 9:00 ގައި އެބައޮތެވެ. އެކަމަށް 15,400 ޕައުންޑް ބޭނުންވެއެވެ."
މި ޢަދަދު އެ ފަގީރު މީހާގެ ދުލުން ބުނި އަޑު އިވުމުން، މިފަހަރު ރޯން ފެށީ އެ ވިޔަފާރިވެރިޔާއެވެ. އޭނާ ގިސްލާ ރޮމުން ކިޔައިދިނެވެ. "ﷲ ގަންދީ ބުނަމެވެ. އަހަރެމެން އާދަވެގެން ޞަދަޤާތް ބަހަނީ އެކި ފަހަރުމަތިން ކުދިކުދި އެތިއެތިކޮޅުންނެވެ. ނަމަވެސް މިފަހަރު އަހަރެން ބޭނުންވީ، ޞަދަޤާތުގެ ފައިސާ ދުވަސްކޮޅަކަށް އެއްކޮށްފައި، ވަރަށް ބޮޑަށް އެހީއަށް ބޭނުންވެފައިވާ އެންމެ މީހަކަށް ދޭށެވެ.
އެހެންވެ، މި ކަމަށްޓަކައި ޖަމާކުރާ ފައިސާ އަހަރެން އަލަމާރީގެ ވަތްގަނޑަކަށް އަޅައި ޖަމާކުރަމުން ދިޔައީމެވެ. މިއަދު ހެނދުނު އަހަރެންގެ އަންހެނުން އެ ފައިސާ ގުނިއިރު ހުރީ ހަމަ ތިޔަ ޢަދަދަށެވެ. އަންހެނުން އެ ފައިސާ ހިފައިގެންދާން އަހަރެންނަށް ބާރު އެޅިއެވެ."
އެ ފަގީރު މީހާއަށް އެ ފައިސާ ލިބުމުން، އޭނާ އުފަލުންގޮސް ރުޔެވެ. އޭނާ އެ ފައިސާ ހިފައިގެން ހުރެ، މުޅި މިސްކިތަށް އިވޭވަރަށް އަޑުހަރުކޮށް ބުންޏެވެ. "އަޅުގެ ވެރި ރަސްކަލާނކޯއެވެ! އަޅުގަނޑު އިބަރަސްކަލާނގެ ދެކެ ލޯބިވަމެވެ! އިބަރަސްކަލާނގެ ދެކެ އަޅުގަނޑު ލޯބިވަމެވެ!"
ޝައިޚް ޑރ. ޝަދީ އަލްމަޞްރީ މި ވާހަކަ ނިންމަވާލައްވަނީ މި ފިލާވަޅުންނެވެ: ނިކަން ދެކޭށެވެ. އެންމެ މީހެއްގެ އިޚްލާޞްތެރި ދުޢާ އިޖާބަކުރެއްވުމަށްޓަކައި، ﷲ ސުބުޙާނަހޫ ޥަ ތަޢާލާ ތިން މީހެއްގެ ކަންތައްތައް ރޭއްވެވިއެވެ. އެއީ މަޝްހޫރު ޤާރީވެރި އިމާމު އެ މިސްކިތަށް ފޮނުއްވުމާއި، ވިޔަފާރިވެރިޔާގެ ހިތުގައި އެ އިމާމާއި ބައްދަލުކުރުމުގެ ޝައުޤުވެރިކަން އުފެއްދެވުމާއި، އަދި އޭނާގެ އަންހެނުންގެ ހިތަށް އެ ފައިސާ އެވަގުތު ބަހަންވީ ކަމުގެ ވިސްނުން ލެއްވުމެވެ. މިއީ اللهُ ﷻ ގެ ކުޅަދުންވަންތަކަމެވެ.
އިޚުލާޞްތެރި ދުޢާއަކީ "މިރެކަލްސް" (ޢަޖައިބު ކުރުވަނިވި ގޮތަށް ﷲ ﷻ މެދުވެރި ކުރައްވަވާ ކަންތައް) އުފައްދާ އެއްޗެކެވެ.
ބޭނުން ވަނީ ތަޟައްރުޢުވެރި ހިތަކާއި އެންމެ ކަރުނަ ތިއްކެކެވެ.
ޝައިޚް ޝަދީ އަކީ މިޞްރު ދަރިކޮޅުގެ އެމެރިކާ ބޭފުޅެކެވެ. އޭނާ ދީނީ ޢިލްމުތައް ޙާޞިލް ކުރައްވަން ފެއްޓެވީ ޢުމުރު ފުޅުން އަށާރަ އަހަރުގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އުނގެނިވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޔަމަނުގެ ޙަޟްރަމައުތު، ސަޢޫދީ ޢަރަބިއްޔާގެ މައްކާ އާއި މަދީނާ، އިނގިރޭސިވިލާތުގެ ލަންޑަން، މިޞްރުގެ ޤާހިރާ، އަދި އެމެރިކާގެ ނިއު ޖާޒީ ހިމެނެއެވެ. އޭނާ ވަނީ މި ޒަމާނުގެ އެންމެ ފުންނާބުއުސް "ޓްރެޑިޝަނަލް" އެތައް ޢިލްމުވެރިންގެ އަރިހުން ޢިލްމު ޙާޞިލް ކުރައްވާފައެވެ. އަދި ޖޯޖް ވޮޝިންޓަން ޔުނިވަސިޓީ އިން ތަޢުލީމު ޙާޞިލް ކުރެއްވުމަށްފަހު ޑރ. ޝަދީ އޭނާގެ ޕީ.އެޗް.ޑީ (PhD) ޙާޞިލްކުރެއްވީ ފެބްރުއަރީ 2007 ގައި ޔުނިވަރސިޓީ އޮފް ލަންޑަނުންނެވެ. އޭނާގެ ތީސީސް (thesis) ބިނާކުރައްވާފައިވަނީ ޔަމަނުގެ މަޝްހޫރު އިމާމް ޢަބްދުﷲ ބިން ޢަލަވީ އަލް-ޙައްދާދު (1634 އިން 1720މ./1132ހ. އަށް) ގެ ދަޢުވާގެ މަސައްކަތްޕުޅު ތަކުގެ މައްޗަށެވެ.
އޭނާއަކީ ނިއު ޖާޒީގައި ހުންނަ ނިއު ބްރަންސްވިކް އިސްލާމިކް ސެންޓަރުގެ (NBIC) ރެޒިޑެންޓް ސްކޮލަރ އެވެ. އަދި "Safina Society" ގެ ފައުންޑަރެވެ.
ޝައިޚު ޝަދީ ހިންގަވާ ޢިލްމީ އެކެޑަމީ "ސަފީނާ ސޮސައިޓީ" ގެ ކްލާސްތަކުގައި ޝައިޚު ޝަދީފަދަ، "ކޮމްޕްރިހެންސިވް"، "ޓްރެޑިޝަނަލް"، "ފުން" އެތައް ޢިލްމުވެރިންނެއް ކިޔަވައި ދެއްވައެވެ. އިސްލާމީ ޢިލްމު އެއިގެ ރޫޙާއިއެކު ތަންކޮޅެއް ޝާމިލް ގޮތެއްގައި ތަންކޮޅެއް ފުންކޮށް ހިސާބަކަށް ދެނެގަތުމަށް ބޭނުންވެލައްވާ ޒުވާނުން މިފަދަ ޢިލްމުވެރިންގެ ފައިދާ ހޯއްދެވުމަށް އިލްތިމާސް ކުރަމެވެ.
ނޯޓް: މިއީ ޑރ. މަޢުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.