Last Updated: June 6, 06:06
Saturday, June 6, 2026
ދުނިޔެ

އިންޑިއާ އިން ނިޕާ ވައިރަސް ފެނި އެލާޓަށް!

އިންޑިއާ އިން ނިޕާ ވައިރަސްގެ ކޭސްތަކެއް ފެނުމާ ގުޅިގެން އޭޝިއާގެ ގައުމުތަކުން އެއާޕޯޓްތަކުގެ ސްކްރީނިން އަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

ދުވަސްތަކެއް ފަހުން ނިޕާ ވައިރަސްގެ ކޭސްތަކެއް ފެނިފައި ވަނީ އިންޑިއާގެ ވެސްޓް ބެންގާލުންނެވެ. އެގޮތުން އެތަނުން ބަލި ޖެހިފައިވާ ފަސް ހެލްތު ވޯކަރުން ފެނިފައިވާ އިރު، އޭގެ ތެރެއިން އެކެއްގެ ހާލު ދެރަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އަދި ބެލި ޖެހިފައިވާ މީހުންނަށް ކޮންޓެކްޓްވި 110 މީހަކު ވަނީ ކަރަންޓީނުކޮށްފަ އެވެ.

އިންޑިއާ އިން ނިޕާ ވައިރަސް ފެނުމާ ގުޅިގެން ތައިލޭންޑާއި ނޭޕާލުން އެ ގައުމުތަކުގެ އެއާޕޯޓްތަކުގައި ސްކްރީނިން ވަރުގަދަކޮށްފަ އެވެ. އެހެންވެ އިންޑިއާ އިން އެ ގައުމުތަކަށްދާ މީހުން ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އަދި ބަލީގެ އެއްވެސް މީހަކު ފެނިއްޖެ ހާލަތަކަށް ވެސް އެއާޕޯޓްތަކުގައި ވަނީ ފިޔަވަޅުތައް ގާއިމުކޮށްފަ އެވެ.

ނިޕާ ވައިރަހަކީ މޭވާކާ ވާލުގެ ފަރާތުން އިންސާނުންނާއި ޖަނަވާރުންނަށް ވެސް ޖެހޭ ބައްޔެކެވެ. އެގޮތުން މި ބަލި އާންމުކޮށް ފެތުރެނީ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ޒަރީއާއިންނެވެ. އަދި ބަލިޖެހިފައިވާ މީހުންގެ ހަށިގަނޑުން ބޭރުވާ ދިޔައިގެ ސަބަބުން އިންސާނުންގެ މެދުގައި ބަލި ފެތުރެއެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ހޮޑުލެވުމާއި، ކަރުގައި ރިއްސުން ހިމެނެ އެވެ. ބަލި ބޮޑުވާ ހާލަތްތަކުގައި ނިއުމޯނިއާ ޖެހުމާއި، ސިކުނޑި ދުޅަވުމާއި، ފުރާނައަށް ނުރައްކާވުން އެކަށީގެންވެ އެވެ.

ނިޕާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ 1999 ގައި މެލޭޝިއާއިންނެވެ.