Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކުޅުދުއްފުށި ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް ފެސިލިޓީއެއް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް، ފެސިލިޓީއެއް އެޅުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފި އެވެ.

މިކަމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އަދި އަލްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ހުސައިން ތަސްމީން އެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ 53 މިލިއަން ރުފިޔާއަށް 435 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަސައްކަތަށް ފަންޑުކޮށްފައިވަނީ އޭޝިއަން އިންފްރާސްޓްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިންނެވެ. މިއީ މި ބޭންކްއިން ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ސްޓޭންޑް އެލޯން ޕްރޮޖެކްޓެވެ،

ހެލްތު މިނިސްޓްރީން ބުނިގޮތުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ގާއިމްކުރެވޭ މި ފެސިލިޓީގައި 14 ޕްރައިވެޓް ރޫމް ހުންނާނެ އެވެ. މި 14 ކޮޓަރި ހުންނާނީ ބަލިމިހާގެ އިތުރަށް ބަލިމީހާގެ އެހީތެރިއާއިއެކު ހުރެވޭ ގޮތަށެވެ.

މި ކޮޓަރިތަކުގެ ތެރޭގައި މޮޑަރޭޓް ޕޭޝަންޓް، ކްރިޓިކަލް ޕޭޝަންޓް އަދި ޕޭޝަންޓް ވިތް ސްޕެޝިއަލް ނީޑްއަށް ހާއްސަކުރެވިފައިވާ ކޮޓަރި ހުންނާނެ ކަމަށާއި އަދި މިފެސިލިޓީގައި ޕްރައިވެޓް ރޫމްގެ އިތުރަށް މި އިމާރާތުގައި ޑައިލިސިސް ރޫމް، އެމަރޖެންސީ ރޫމް، މެޑިކަލް ސްޓޯރ، ޖެނެރަލް ސްޓޯރ، ނާރސް ސްޓޭޝަންސް، އޮޓޯކްލޭވް ރޫމްސް، އެޑްމިން ރޫމް، ބްރީފިންގ ރޫމް، ޔުޓިލިޓީ ރޫމްސް، ޓީރޫމް، ޑޮނިންގް، ޑޮފިންގ އަދި ވަކިން ނަމާދު ކުރެވޭ ގޮތަށް ނަމާދު ކޮޓަރިއެއްވެސް ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.