އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން މިހާތަނަށް 2،400 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލާން އީސީން ހުޅުވާލީ މި މަހުގެ 17 ވަނަ ދުވަހު އެވެ. މި އިންތިހާބުތަކުގައި ވާދަ ކުރަން ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އާދިއްތަ ދުވަހުގެ 15:00 އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ވާދަކުރުމަށް މިހާތަނަށް ވަނީ 2،473 ފޯމު ވަނީ ހުށަހަޅާފައެވެ. އެއީ، ކައުންސިލްތަކަށް ވާދަކުރުމަށް ހުށަހެޅި 1،409 ފޯމާއި، އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރުމަށް ހުށަހެޅި 1،064 ފޯމެވެ.
ކައުންސިލްތަކަށް ވާދަކުރުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ކެންޑިޑެސީ ގަބޫލު ކޮށްފައިވަނީ 1،040 ފޯމެވެ. ކެންޑިޑެސީ ގަބޫލު ނުކުރާ 236 ފޯމު ހުށަހަޅާފައިވާއިރު، 133 ފޯމަކީ އަލުން ހުށަހެޅި ފޯމު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 852 ފޯމު ވަނީ ބަލައިގެންފަ އެވެ. އަދި އަމިއްލަ ގޮތުން ހުށަހެޅި 188 ފޯމު ވެސް ވަނީ ބަލައިގެންފަ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 1،064 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ކެންޑިޑެސީ ގަބޫލުކޮށްފައިވަނީ 817 ފޯމެވެ. އަދި 161 ފޯމު ބަލައިގެންފައި ނުވާއިރު، އަލުން 86 ފޯމު ވަނީ ހުށަހަޅާފަ އެވެ.
މިފަހަރުގެ އިންތިހާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމްލަ 629 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.