Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރާއްޖެ އަށް ނިޕާ ވައިރަހުގެ ނުރައްކާ އޮތް މިންވަރު ކުޑަ

ރާއްޖެއަށް ނިޕާ ވައިރަހުގެ ނުރައްކާ އޮތް މިންވަރު ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ އިންޑިއާގެ ވެސްޓް ބެންގާލްއިން ނިޕާ ވައިރަހަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވި 180އަށް ވުރެ ގިނަ މީހުން ދެނެގަނެވި އެ މީހުން މިހާރު ކަރަންޓުކޮށްފައިވާ ކަމަށާއި އަދި ކަރަންޓީނު ކޮށްފައިވާ މީހުންގެ ހާލަތު ދަނީ އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަރަށް ގާތުން ބަލަމުން ކަމަށެވެ.

ބަލި ޖެހިގެން އިތުރު ކޭސްއެއް މިއަދާ ހަމައަށް ފެނިފައިނުވާއިރު، މި ކޭސްތަކާ ގުޅިގެން އިންޑިއާގެ އިތުރު އެހެން އެއްވެސް ސަރަހައްދަކުން އަދި އެހެން ގައުމަކުން އެ ބަލި ފެނިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައި ނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މި ވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަ ނަމަވެސް، އެ އިދާރާއިން ދަނީ ހާލަތު މޮނިޓާ ކުރަމުން ކަމަށެވެ. އަދި މި ބައްޔާ ގުޅޭ ގޮތުން އެއްވެސް ކޭސްއެއް އަދި ކޮންޓެކްޓުވި އެއްވެސް ފަރާތެއް ރިޕޯޓުކޮށްފައި ނުވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ނަމަވެސް، ބަލި ފެނިފައިވާ ވެސްޓް ބެންގާލް ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް، ކަމާ ގުޅޭ އިދާރާތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނާ ގުޅިގެން އެ އޭޖެންސީން އަޅަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.